ކަނޑުގައި ދުއްވާ އުޅަނދުތަކުން ދަތުރުކުރާ ފަރާތްތަކުގެ މެނިފެސްޓާއެކު ލައިފް ޖެކެޓު ބެހެއްޓުމާއި ޓްރެކިން ޑިވައިސް ހަރުކުރުން ފަދަ ސަލާމަތީ ގިނަ ފިޔަވަޅުތައް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ފުރިހަމަ ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން މިރޭ ކުރި އިއުލާނެއްގައި ވަނީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގެ ދަށުން ޖުމުލަ 11 ކަމެއް އަންނަ އަހަރުގެ ޖެނުއަރީ 16 ގެ ކުރިން ފުރިހަމަކުރަން އަންގައިފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަކީ 28 ޑިސެންބަރު 2015 ގައި ގެޒެޓުގައި ޝާއިރުކޮށްފައިވާ ގަވާއިދެކެވެ. ނަމަވެސް އެކަން ތަންފީޒު ކުރުމުގެ މަސައްކަތްތަކެއް މީގެ ކުރިން ކޮށްފައެއް ނުވެއެވެ.
- އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް ހެއްދުން
- ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާ ބެހޭ ސެޓްފިކެޓް ހެއްދުން
- ސުވޭޖް ސެޓްފިކެޓް ހެއްދުން
- އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން ނެގުން
- ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮތުން
- ބޮޔަންޓް އެޕަރޭޓަސް ހުރުން
- ވެސެލް ޓްރެކިން ޑިވައިސް ހަރުކުރުން
- އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން
- ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން
- މުއާސަލާތީ އާލާތްތައް ހުރުން
- ގަވާއިދުގެ ބުނާ މިންގަނޑުތަކާ އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުރުން
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެކަންކަން ފުރިހަމަކޮށްފައިނުވާ އުޅަނދުތަކަށް ދޫކޮށްފައިވާ ސީ ވާދިނަސް ސެޓްފިކެޓް ބާތިލުކުރެވޭނެ ކަމަށެވެ.
ޓްރާންސްޕޯޓުން ގަވާއިދުތަކަށް އަމަލުކުރަން ފަށައި، ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ މިދިޔަ ހަފުތާގެ ތެރޭގައި އަދި މި ހަފުތާ ތެރޭގައިވެސް ކަނޑުމަތީގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު