ކޮވިޑް 19އާއި ދެކޮޅަށް ވެކްސިން ނުޖަހާ ތިބި ޓެނިސް ކުޅުންތެރީންނަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅޭވޭނެ ކަމަށް ބެލެވިއްޖެއެވެ.

އަންނަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު އޮސްޓްރޭލިއާގެ މެލްބަން، ވިކްޓޯރިއާ ސިޓީގައި އޮސްޓްރޭލިއަން އޯޕަން ބާއްވަން ނިންމާފައިވާއިރު، އެ ސްޓޭޓުގެ ވެރިޔާ ވިދާޅުވީ ވެކްސިން ނުޖަހާ ކުޅުންތެރިންނަށް ވިސާ ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. ސްޓޭޓުގައި ކަނޑައަޅާފައިވާ އުސޫލުތައް ބުނާ ގޮތުން ޕްރޮފެޝަނަލް އެތުލީޓުންނަށް ކުޅިވަރު މުބާރާތްތަކަށް ސިޓީއަށް އެތެރެ ވެވޭނީ ވެކްސިން ފުރިހަމަ ކޮށްގެންނެވެ.

"އަހަންނަށް ލަފައެއް ނުކުރެވޭ ވެކްސިން ފުރިހަމަ ނުކުރާ ކުޅުންތެރިންނަށް އޮސްޓްރޭލިއާ އަށް އެތެރެ ވެވޭނެ ކަމަކަށް. ވިސާ ލިބުނަސް އެ ކުޅުންތެރިން ދެ ހަފުތާއެއްހާ ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ. މިއީ އަހަރެންގެ އުސޫލެއްވެސް ނޫން. އީދާ ފެޑަރަލް ސަރުކާރުގެ އުސޫލު. އެހެންވީމަ އެކަން އަންގާނެ ސަރުކާރުންވެސް،" މެލްބަންގެ ވެރިޔާ ވިކްޓޯރިއާ ޕްރެމިއާ ޑެނިއަލް އެންޑްރޫސް ވިދާޅުވިއެވެ.

އެންޑްރޫސް ވިދާޅުވީ އެފަދަ އުސޫލުތަކުގައި އެ ކުޅުންތެރިޔަކީ ކިތައް ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެއްތޯ، ނޫނީ ރޭންކިންގައި އޮތީ ކިހާ ހިސާބެއްގައިތޯ ނުބަލާނެ ކަމަށާއި، އެފަދަ އުސޫލުތައް ހަދަނީ އެންމެންގެ ރައްކާތެރި ކަމަށް ޓަކައި ކަމަށެވެ.

އޮސްޓްރޭލިއަން އޯޕަން އާއި ދިމާކޮށް ވެކްސިންގެ ވާހަކަތައް ފެންމަތިވެފައި ވަނީ ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކިވިޗްގެ ވެކްސިން ސްޓޭޓަސް ހާމަކުރަން އޭނާ ދެކޮޅު ހަދާފައިވަނިކޮށެވެ. މިހާތަނަށް ނުވަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް ބުނެފައި ވަނީ ވެކްސިންގެ ހުރިހާ ކަމަކީ އޭނާއަށް ޕާސަނަލް ކަންތައްތައް ކަމަށާއި، އެކަންކަން ހާމަކުރަން ދެކޮޅު ހަދާ ކަމަށެވެ.