މީގެ ދެ އަހަރެއްހައި ދުވަސް ކުރި އެވެ. މުޅި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު މަށިކުޅި، ކުޅުދުއްފުށީ ކުޅީގެ މެދުން ހިއްކައިގެން އެއާޕޯޓެއް ހެދިއެވެ. މޫސުމީ ދޫނިތައް މަޑުކޮށްލާ މަންޒިލަށް އޭގެ ފަހުން ޖައްސަމުން ދިޔައީ "ދަގަނޑު ދޫނި" ތަކެވެ. އެއާއެކު ކުޅުދުއްފުއްޓަށް ހާއްސަ ކުޅީގެ ވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނެވެ. ހިތްގައިމު މާހައުލަށާއި އެތަނުގެ ދިރުންތަކަށް އޭގެ އަސަރު ކުރިއެވެ. ފެންގަނޑުގައި އުޅޭ މަސްތައް މަރުވެ ފެން މައްޗަށް އަރައި ކުނިވި އެވެ.

ކުޅީގެ މުސްތަގުބަލާމެދު މާޔޫސްވެފައި ތިބި ކުޅުދުއްފުށީ ރައްޔިތުންނަށް މިއަދު އަނެއްކާވެސް އެތަނުން ފެނުނީ ހިތްގައިމު މަންޒަރެކެވެ. ކުޅި ކައިރިން ފެނުނީ ހަލަބޮލިކަމެވެ. ދިރުމެވެ. ގުދުރަތީ ދިރުމެކެވެ. ކެނޯތަކުގައި އެއްބަޔަކު ނުކުތް އިރު، ފޮޓޯގުރާފަރުންގެ ލެންސުތައް އަމާޒުވީ ކުޅިއަށް ތިރިކުރަމުންދިޔަ ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނިތަކަށެވެ. ކުޅން ފެނުނު ހިތްގައިމު އެ މަންޒަރު ސިފަކޮށްދިން އެކަކީ އެރަށު ފޮޓޯގުރާފަރު ޖައުފަރު އަލީ (ޖައު) އެވެ.

"ގާތްގަނޑަކަށް ހެނދުނު ދިހައެއް ޖަހާކަންހާ އިރު ކަމަށް ވަނީ ކުޅިއަށް ތިރިކުރީ. ކުރިން ދުވަހަކުވެސް ނުފެނޭ މިކަހަލަ ރީތި މަންޒަރެއް. އެއީ ތަފާތު މަންޒަރެއް،" ޖައު "ވަން" އަށް ކިޔައިދިނެވެ.

ޖައު ބުނި ގޮތުގައި، ކުޅިއަށް އޭނާ ދިޔަ އިރު، 15 ވަރަކަށް ދޫނި ކުޅިއަށް ޖައްސައި، އުދުހި އުޅުނެވެ. ކުޅީގެ ފެންގަނޑު ތެރެއަށް އެސޮރުމެން ތިރިކޮށް، މާ ޗާލުކޮށް އުދުހި އުޅޭ މަންޒަރު ފެނި، އެ ރީތި ކަމުގެ ޖާދޫގައި ޖެހި، ފޫހި ކަމެއް ނެތި އެތައް ބަޔަކު ތިއްބެވެ.

ކުޅުދުއްފުށީގެ ގުދުރަތީ ރީތި މަންޒަރުތައް ފޮޓޯ ނަގައި އުޅޭ، ފޮޓޯގުރާފަރު، އަހުމަދު އަބްދުލް ރަހުމާން ބުނި ގޮތުގައި އެއީ އޭނާއަށްވެސް އަލަށް ފެނުނު ތަފާތު މަންޒަރެކެވެ.

ކުޅިއަށް ޖައްސައި އުޅުނު ދޫނިތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އާންމު ގޮތެއްގައި ފުލެމިންގޯއަކީ ފިޔާތޮށި ކުލައިގައި ހުންނަ އެއްޗެއް ނަމަވެސް، ކުޅިއަށް ޖައްސައިގެން އުޅޭ ދޫނިތައް ހުރީ ހުދު ކުލައިގައި ކަމަށެވެ. ބެލެވޭ ގޮތުގައި އެސޮރުމެން އަދި ޅައެވެ. އެކަމަކު އެސޮރުމެން އުދުހިފައި ދާއިރު، ފިޔަގަނޑުގެ ދަށުން ކޮންމެވެސް ވަރަކަށް ފިޔާތޮށި ކުލަ ފެނުނު ކަމަށް އޭނާ ބުންޏެވެ.

ރާއްޖެއަށް މިހާރު ހިޖުރަކުރަމުން އަންނަ މި ދޫނިތައް ހއ. ފިއްލަދޫ އާއި އެ އަތޮޅުގެ ބައެއް ރަށްރަށުންވެސް ފެނުނެވެ. ނަމަވެސް ހިތާމައަކީ ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ހިޖުރަކުރާ މި ދޫނިތަކުން ލިބޭ ހިތްގައިމުކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމެވެ. މިފަހަރު އައިސްގެން އުޅޭ ދޫނިތައް ދާ ޖަހައިގެން ހިފައި، ޕޭޖުތަކުގައި ވިއްކަންވެސް ޖަހާފައި އެބަ ހުއްޓެވެ. ނަމަވެސް އެއީ ގާނޫނީ ބޮޑު ކުށެކެވެ. އެއީ ހިޖުރަކުރާ ދޫނިތައް ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާތީއެވެ.