ޚަބަރު

އިންފުލުއެންޒާ އައުޓްބްރޭކެއް އަތުވެދާނެ ކަމުގެ އިންޒާރު

މުހައްމަދު އިޝާން

1

އިންފްލުއެންޒާގެ އައުޓްބްރޭކެއް އައުމުގެ ކުރިން އެކަމަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، އިންފުލެންޒާ ކޮންމެ ހަފުތާއަކު ފެންނަ މިންވަރަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަދަދު މަތިވެފައިވާ ކަމަށެވެ. އޮކްޓޯބަރު މަހުގައި ވެސް ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި އިންފްލްއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރަނީ އުމުރުން 18 އަހަރާއި 45 އަހަރުގެ މީހުން ކަމަށާއި އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދު ކުދިން ވެސް އިންފްލްއެންޒާ ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ކަމަށެވެ.

އެ އުމުރުފުރައަކީ ކޮވިޑުގައި ވެސް ފެންނަ ފަދައިން ބޭރުގައި އުޅޭ އުމުރުފުރައިގެ މީހުން ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. ކޭސްތަކުގެ ނަންބަރުތަކަށް ބަލާއިރު އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ފެނުނު ކޭސްތައް ހުރީ އެއް މިންވަރެއްގަ އެވެ. އިންފްލުއެންޒާ އަށް ޓެސްޓް ކުރެވޭ މީހުންގެ ނިސްބަތުގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ އިންފްލުއެންޒާ ޓައިޕް އޭ އަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރު ވަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން، އޮކްޓޫބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11،008 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި، ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާ އަޅައި ބަލާއިރު، އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ އަދަދު ވެސް ގިނަވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެގޮތުން މިމަހުގެ މިހާތަނަށް 432 މީހުން އިންފްލުއެންޒާއަށް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން 192 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވަނީ 365 މީހުންނަށެވެ.