ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި، އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެމްބަރުން ވަނުމަށް ސިފައިން ހުރަސްއެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވި ގޮތުގައި، އެއިރަކު އޮންނަ ސަރުކާރެއް ޒިންމާދާރުކޮށް ޖަވާބުދާރި ކުރުވާ ފަރާތަކީ އިދިކޮޅު ފަރާތްތައް ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވާ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
ނަމަވެސް މަޑުއްވަރީ ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރު ހުންނެވި އާދަމް ޝަރީފް، އޭރު ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.
"އަޅުގަނޑުމެނަށް މަޖިލީހަަށް ވަދުނަ ނުދީ މަޖިލީހުގެ ގޭޓް މަތިން މި މަޖިލީހުގެ މެންބަރުން އުކި ދުވަހުގެ ވާހަކަ ހަނދުމަފުޅު ކޮއްލެއްވީމާ ކީއްވެކަން އޭރުގެ ސަރުކާރުން ކުރި މިކަހަލަ ކަންތައްތައް ޒިންމާދާރު ކުރުވުމަށް މި މަޖިލީހުގެ ތެރޭގައި މަސައްކަތް ނުކުރެވުނީ ކީއްވެގެންކަން އެނގޭ،"
އެހެންކަމުން އެ މަސައްކަތް މިހާރު އޮތް 19 ވަނަ ރއްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ސިފައިން ފޮނުވައިގެން މަޖިލިސް ގޭޓުމަތިން މެންބަރުން "އުކި" މައްސަލަ މަޖިލީހުން ބަލަން ގޮވާލައްވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ މަޖިލީހުގައި ހިމެނޭ ބައެއް މެމްބަރުން ވަނުމަށް ސިފައިން ހުރަސް އެޅީ 2017 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ތައާވަލު ނުކޮށް ހިނގައިގެންދިޔަ ކަންތައްތަކަކާ ގުޅިގެންނެވެ. އެ މައްސަލައިގައި މަޖިލިސް ހުއްޓުމަކަށް އައެވެ.
އެކަންތައްތަކުގައި ރައީސް ޔާމީންގެ ސަރުކާރަށް މަޖިލިހުގައި އޮތް ސުޕާ މެޖޮރިޓި ގެއްލި، އޭރުގެ ސަރުކާރަށް ނިސްބަތްވި 12 މެމްބަރުންގެ ގޮނޑި ގެއްލުވާލައި، މަޖިލީހުގެ ޖަލްސާތައް ދިޔައީ ނުބޭއްވިއެވެ.
އެ މައްސަލަ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒު ކޮމިޓީއަށް އެ މައްސަލަ ހުށަހެޅިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު