މާލޭގެ ސުކޫލެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގެ ސްކޫލެއްގައި އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅި ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިމަހުގެ 16 ވަނަ ދުވަހު ފެންމަތިވި މި މައްސަލައާ ގުޅޭ ގޮތުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި މިކަން ހިނގީ ކޮން ސްކޫލެއްގައި ކަން ހާމަ ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ.
"ވަން" އަށް މިކަން ހިނގީ ކޮން ސްކޫލެއްގައި ކަން އެނގުނު ނަމަވެސް ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައަކަށްވާތީ އެ ސްކޫލުގެ ނަން ހާމަ ނުކުރުމަށް ވަނީ ނިންމާފަ އެވެ.
މި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާ ފާހާނާއަށް ދިޔަ ވަގުތު ކަމަށް "ވަން" އަށް ވަނީ އެނގިފައެވެ. އަދި އެ ކުއްޖާއާ ބެހުނީ އެ ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ އަންހެނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މައްސަލަ ބަލައި ނިމެންދެން މި މުވައްޒަފު ސަސްޕެންޑު ކޮށްފަ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު