ފުލުހުންގެ ކަންކަން އަދިވެސް ބަލަހައްޓަވަމުން ގެންދަވާނެ ވަޒީރަކީ ހޯމް މިނިސްޓަރު ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މީގެ އިރުކޮޅެއް ކުރީން "ވަން "އަށް ވިދާޅުވީ ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތީން، އެ މުއައްސަސާގެ ކަންކަން ބަލަހައްޓަވައި، ޒިންމާ ނަންގަވާނެ، އަދި ޖަވާބުދާރީވެވަޑައިގަންނަވާނެ ވަޒީރަކީ ކުރިޔެކޭވެސް އެއްފަދައިން ހޯމް މިނިސްޓަރު ކަމަށެވެ. އެކަމަށް އެއްވެސް ބަދަލެއް ގެންނަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ނުވާ ކަމަށެވެ.
"މީގަ މި އުޅެނީ ވަރަށް ބޮޑު އޮޅުމެއް. ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނާ ވަޒީރުގެ ޒިންމާ ކުރިޔެކޭވެސް އެއްގޮތަށް މިހާރުވެސް އަދާކުރައްވަމުން ގެންދަވާނީ ހޯމް މިނިސްޓަރު. އެކަމަށް އެއްވެސް ބަދަލެއް ނާދޭ. މި ކަމުގައި އެޓާނީ ޖެނެރަލް ގެ ލަފާވެސް ލިބިފަ އޮތީ." އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު އިތުރަށް ވިދާޅުވީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިވި ނަމަވެސް، ގާނޫނު އަސާސީއާއި ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ޒިންމާދާރުވެވަޑައިގަންނަވާ ވަޒީރަކު ހުންނަވަން ޖެހޭ ކަމަށާއި އެ ވަޒީރަކީ ހޯމް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ކަންކަން ބަލަހައްޓަވާނީ ހޯމް މިނިސްޓަރު ކަމަށާއި ފުލުހުން ވެސް ރިޕޯޓު ކުރާނީ ހޯމް މިނިސްޓަރަށް ކަމަށެވެ. މިނިސްޓަރުގެ ދަށުން އިދާރީ ކަންކަން ބެލެހެއްޓުމުގެ މެންޑޭޓް ކުރިޔަށް ގެންދާނެ ގޮތް ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާންކުރާތީ އާއި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.
"މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާ އެކު ފޮނުވިން،" ކަމަށް އެ ސިޓީގައި ވެއެވެ.
މީގެ އިތުރުން ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުއައްސަސާތައް ކުރިއެކޭ އެއްގޮތަށް ހިންގަމުން ގެންދިއުމަށްވެސް ރައީސް އަންގަވާފައިވާ ކަމަށް އެސިޓީގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް މީގެ އިރުކޮޅެއް ކުރީން ވިދާޅުވީ، މި ކަމާ ގުޅޭ ގޮތުން ދެންނެވުމެއް މިއަދުގެ ވަގުތެއްގައި ނެރުއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު