އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް އިތުރު ތަމްރީނުތައް ހޯދުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ޒުވާން ގައުމީ ޓީމު މިއަދު ބަހްރެއިން އަށް ފުރައިފިއެވެ.

އޭޝިއާގައި 23 އަހަރުން ދަށުގެ މުބާރާތް އޮންނާނީ އަންނަ އަހަރު އުޒްބެކިސްތާންގައެވެ. ރާއްޖޭގެ ޒުވާން ޓީމު ބަހްރެއިން އަށް ގޮސްފައި ވަނީ ޓީމުގެ އެސިސްޓެންޓް ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ބެލުމުގެ ދަށުންނެވެ. ޓީމުގެ ހެޑް ކޯޗަކީ އަލީ ސުޒޭން ނަމަވެސް މި ދަތުރުގައި ސުޒޭން ބައިވެރިވެފައެއް ނުވެއެވެ.

ބަހްރޭނަށް ފުރުމުގެ ކުރިން މިއަދު ސޮބާ ބުނީ ކޮލިފައިންގައި އޮތީ ވަރު ގަދަ ގްރޫޕެއްގައި ކަމަށާއި، ވާދަވެރި މެޗުތަކެއް ޓީމަށް މުހިއްމު ކަމަށެވެ.

"ދެން ކުޅުންތެރީންގެ ފިޓްނަސް ހަމަ ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އުއްމީދު މިކުރަނީ ބަހުރޭނަށް އަވަހަށް ގޮސް ޕްރެކްޓިސް މެޗުތަކެއް ކުޅެލަން. ދެ މެޗެއް ލިބިއްޖެ ނަމަ ވަރަށް ބޮޑުތަން ޓީމު ސެޓްކޮށްލައި ޓީމުގެ ކުޅުންތެރިން ޕްރެޝަރުގައި ކުޅޭ ގޮތް ބަލައިލެވި ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. ކުޅުންތެރިންނަށް ވެސް އިތުބާރު ލިބޭނެ ކޮމްޕެޓިޝަންގައި ފުރަތަމަ އޮތް އިރާގު މެޗަށް ދާއިރު،" ސޮބާ ބުންޏެވެ.

ކޮލިފައިންގައި ރާއްޖެ އޮތީ ބަހްރޭނާއި އިރާގު އަދި އަފްގާނިސްތާނާ އެއް ގްރޫޕެއްގައެވެ. ކޮލިފައިން އަށް ތައްޔާރުވާން ހަ ހަފުތާގެ މުއްދަތަށް ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިޔައިރު ވަނީ ޅ އަތޮޅު ކޭމްޕެއް ޖަހައި ޅ. ނައިފަރާއި ޅ. ހިންނަވަރުގައި ހަ މެޗެއް ކުޅުމަށް ފަހު މާލޭގައި ހަތަރު މެޗު ކުޅެފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަަމަ މެޗުގައި މި މަހު 25 ވަނަ ދުވަހު އިރާގާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ކުޅޭނީ 28 ވަަނަ ދުވަހު ބަހްރޭނާ އެވެ. އަދި ފަހު މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮތީ މި މަހު 31 ގައެވެ.

ޒުވާން ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑުގައި ފުރަތަމަ ޑިވިޝަނާއި ގައުމީ ސީނިއާ ޓީމުގައި ކުޅުނު ކުޅުންތެރިންވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މި ފަހަރު ސާފް ޗެމްޕިއަންޝިޕްގައި ވިދާލި ހައިޝަމް ހަސަން (ބިޑި) އާއި ތިންވަނަ ގޯލްކީޕަރަކަށް ސްކޮޑުގައި ހިމެނުނު ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ)ވެސް ހިމެނެއެވެ.