އިސްލާމީ ތާރީޚު

ރަޙުމަތުގެ ނަބިއްޔާ - އިންސާނީ ޙައްޤުތަކުގެ އެންމެ މަތިވެރި ދާޢީ 01

އަބްދުﷲ ފާރޫގް ހަސަން

އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ ޠާހިރު ސީރަތަކީ ފާންކަމާއި ދުރަށް އަލިފޮނުވުމުގައި ދެވަނަ މިސާލެއްނުވާފަދަ އަލިގަދަ ފަނާރެކެވެ. ތާރީޚުގެ ޞަފުޙާތަކުން އެކަމުގެ ހެކި ފެންނާން އެބަހުއްޓެވެ. އެގޮތުން މުސްލިމު މުފައްކިރުންނާއި ޣައިރު މުސްލިމު ސްކޯލަރުންގެ ވަރަށްދިގު ލިސްޓެއްގެ ބޭކަލުންވަނީ އެމާތް ސާހިބާގެ ނަންފުޅު ފާހަގަކުރައްވައިފައެވެ. އިންސާނީ ޙައްޤުތަކުގެ ޙަޤީޤީ ދާޢީއެއްގެ ހައިސިއްޔަތުންނެވެ. އެޙައްޤުތައް ޢަމަލީގޮތުން ތަންފީޒުކުރެއްވި ވެރިޔެއްގެ ގޮތުންވެސްމެއެވެ.

އިންސާނާއަކީ ޝަރަފުވެރި މިނިވަން މަޚުލޫޤެކެވެ.

އަރަހުށި މާތް اللّـه سبحـانــه وتـعــالــى އިންސާނާ މިބިންމަތީގައި އާބާދުކުރެއްވީ އެކަލާނގެ ޚަލީފާއެއްގެ ހައިސިއްޔަތުން ބިން އިމާރާތް ކުރުމަށެވެ. ބިމުގައި ވެރިކަން ކުރުމަށެވެ. އެހެންކަމުން އެކަލާނގެ އިންސާނާ އެންމެ ފުރިހަމައަށް ސޫރަކުރައްވައި އޭނާގެ ބުރުސޫރަ ރީތިކުރެއްވިއެވެ. ބުއްދިއާއި ބަސްމޮށުންތެރިކަމުގެ ނިޢުމަތް ދެއްވިއެވެ. އެކަލާނގެ ޚަލްޤުކުރެއްވި ގިނަ މަޚުލޫޤުންގެ މައްޗަށް މާތްކުރެއްވިއެވެ. އެހެނިހެން ފަރާތްތަކުގެ އަޅުވެތިކަމުން އޭނާ ސަލާމަތްކުރެއްވިއެވެ. މިނިވަން މުސްތަޤިއްލު ޝަޚުޞެއްގެ ހައިސިއްޔަތުން ހަމައެކަނި އެކަލާނގެ ރަސްކަންފުޅަށް ބޯލެނބުމަށްޓަކައެވެ. އެންމެ ޝަރަފުވެރި މަޚުލޫޤުގެ ހައިސިއްޔަތުން ބިމުގައި ވެރިކަން ކުރަން ބޭނުންވާ ހުރިހައި ޢިލްމަކާއި ޙައްޤުތަކަކާއި ކަރާމާތްތަކެއް ހަދިޔާކުރެއްވިއެވެ. އޭނާއަށް ދެއްވި މަތިވެރި މަގާމާއި އާދަޔާ ޚިލާފު ކުޅަދާނަކަމުގެ ބަދަލުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އެކަށައެޅުއްވުމާ އެކުގައެވެ. އެ ވާޖިބުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވާޖިބަކީ ތިމާފަދަ އެހެނިހެން އިންސާނުން އަޅުވެތިނުކުރުމެވެ. ކައުވަންތަކަމަށް ދަޢުވާ ނުކުރުމެވެ.

އަޅުވެތިކަމާ ދިމާޔަށް

ކަންމިހެން ހުރުމާއެކުވެސް އިންސާނާ ބިމުގައި އާބާދުވިތާ މާގިނަ ދުވަހެއްނުވެ އޭނާ ދުނިޔޭގައި ރަސްކަމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ. އިލާހުވަންތަ ސިފަތަކެއް އެ ނިޒާމާ ގުޅުވައިލިއެވެ. އެހެންކަމުން، އެ ނިޒާމުގެ ފަރާތުންނާއި އެ ނިޒާމުގެ ނަމޫނާ ނަކަލުކުރި ޤަބީލީ ވެރިކަމުގެ ފަރާތުން އިންސާނުން އަޅުވެތިކުރިއެވެ. އޭނާއަށް ލިބިގެންވާ އިންސާނީ ކަރާމަތް ފޭރިގަތެވެ. އޭނާގެ ޙައްޤުތަކުން މަޙްރޫމުކުރިއެވެ. "އަޑުގަދަމީހާ ރުއްގިނަވުމުގެ" އުސޫލު ދުނިޔޭގައި ހިންގަން ފަށައިގަތެވެ. ނަތީޖާއަކަށްވީ މާތް اللّـه ހައްދަވައިފައިވާ އެންމެ ޝަރަފުވެރި މަޚުލޫޤު ކަމުގައިވާ އިންސާނާ، ޙައްޤަކީ ބާރުކަމުގައި ގަބޫލުކޮށް އެކަމާ ރުހި ގަބޫލުވުމެވެ.

އިންސާނުން އަޅުވެތި ކުރެވިފައިވާގޮތަށް ބަލާއިރު އެތައްގޮތަކުންވަނީ އިންސާނުން އަޅުވެތި ކުރެވިފައެވެ. އިންސާނުންގެ މެދުގައި ތަފާތުކުރުން ޢާއްމުވެފައެވެ. އޭގެތެރޭގައި:

އުފަންވި ބިމަކާއި ރަށަކާއި ޤައުމެއްގެ މައްޗަށް ބިނާކޮށް އިންސާނުން ތަފާތުކުރުން.
ޤަބީލާ ނުވަތަ ވަންހައިގެ މައްޗަށް ބިނާކޮށް މޮޅުދެރަކަން ކަނޑައެޅުން.
ހަމުގެ ކުލައިގެ މައްޗަށް ބިނާކޮށް މޮޅުދެރަކަން ކަނޑައެޅުން.
ޖިންސުގެ މައްޗަށް ބިނާކޮށް ތަފާތުކުރުން. ހިމެނެއެވެ.

ރަސްކަން ޤާއިމުވުމަށްފަހު ރަސްރަސްކަލުންވަނީ ކަލުން ކަމުގައި ދަޢުވާކުރައްވައިފައެވެ. އެހެނިހެން އިންސާނުންނަކީ އެބޭފުޅުންގެ އަޅުންކަމުގައި ހައްދަވައިފައެވެ. ކޮންމެހެން ފިރުޢައުނާއި ނަމްރޫދުގެ ވާހަކަތައް އެކަނި ދައްކާކަށެއް ނުޖެހެއެވެ. މިސާލެއް ހޯދަން މާދުރަކަށް ދާކަށެއް ނުޖެހެއެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އިހުގައިތިބީ ރަދުންނާއި އެބޭފުޅުންގެ ވޮނަދޮނަ ރާއްޖޭގެ އަޅުތަކުންނެވެ. އެބޭފުޅުންގެ ބަސްފުޅަކީ ޤާނޫނެވެ. ހަމައެފަދައިން އަންހެނުންނާއި ފިރިހެނުންވެސްވަނީ ވަރަށްބޮޑަށް ތަފާތުކޮށްފައެވެ. އަންހެނުންނަކީ ފިރީންގެ އަތުގައި ހުންނަ ކުޅޭއެއްޗެހިތަކެކެވެ. އަންހެނުންގެ ކިބައިންވަނީ ހުރިހައި ޙައްޤުތަކެއް ނިގުޅައިގެންފައެވެ. ބައެއް ޤައުމުތަކުގައި ފިރިމީހާ މަރުވުމުން ފިރިމީހާގެ ހަށިގަނޑާއެކު އަންހެނުން އަންދައިލައެވެ. އަންހެނުންނަކީ އިންސާނުންތޯއާއި އެމީހުންގެ ފުރާނަތަކަކީ ފިރިހެނުންގެވެސް ފުރާނަތަކޭ އެއްފަދަ ފުރާނަތަކެއްތޯ ބަހުސުކުރިއެވެ.

މިނިވަންކަމުގެ އަލިވިލުން

އިންސާނިއްޔަތު މިދަރަޖައަށް އިހާނެތިކުރެވި އަޅުވެތިކަމުގެ ކަސްތޮޅުގައި ހަފުސްވެ ނޭވާނުލެވި ކުރުކާން ފެށުމުން އިންސާނުންގެ މައްޗަށް އޯގާވަންތަކަމުގެ ބެއްލެވުމަކުން ބައްލަވައިވޮޑިގެންނެވީ ރަޙުމާނުވަންތަ ރަޙީމުވަންތަ މާތް اللّـه އެވެ. އެކަލާނގެ ރަޙުމަތުގެ ނަބިއްޔާ މިދޭހަށް ދަންމަރު ކުރެއްވިއެވެ. އަރަހުށި މާތް اللّـه އިސްލާމްދީނުގެ ނަބިއްޔާއާ މަތިކުރެއްވި އެއްމަސްއޫލިއްޔަތަކީ އިންސާނުން އަޅުވެތިކޮށްފައިވާ ފިޠުރަތާ ޚިލާފު އަޅުވެތިކަމުން އިންސާނުން މިންޖުކުރެއްވުމެވެ.

އިސްލާމްދީނުގެ ނަބިއްޔާއަށް ބާވައިލެއްވި ކީރިތި ޤުރްއާނަކީ އިންސާނީ ޙައްޤުތަކުގެ އެންމެ ފުރިހަމަ ޗާޓަރެވެ.

އިންސާނީ ޙައްޤުތަކާމެދު އިސްލާމްދީނުގެ ތަޞައްވުރު ނުހަނު ޞަރީޙައެވެ. އެ މައްސަލައިގައި އިސްލާމްދީނުގެ މަސައްކަތް ނުހަނު ފައުޅުކަން ބޮޑެވެ. އިސްލާމްދީން ވަނީ އަފުރާދުންނާއި ޖަމާޢަތްތަކާއި އެކިއެކި ގިންތިތަކާއި ފަންތިތަކުގެ ފެންވަރުގައިވެސް އެ ޙައްޤުތައް އެކަށައަޅައިފައެވެ. ޢަމަލީގޮތުން އެ ޙައްޤުތައް ލިބިދީފައެވެ. އެ ޙައްޤުތައް ގެއްލެމުންދާ މީހުންނަށާއި ޖަމާޢަތްތަކަށް ނަޞްރުދީ ޙިމާޔަތްކުރަން ތެދުވެފައެވެ. އެކަމަށްޓަކައި ހަނގުރާމަކޮށް ލޭއޮހޮރުވައިފއެވެ. އެ ޙައްޤުތަކަށް އަތްއިސްކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ބަސްތަކުން ފާޑުކިޔައިފައެވެ. އެފަރާތްތަކަށް އާޚިރަތުގެ އިންޒާރުގެ އަޑު އިއްވައިފައެވެ. ޙައްޤުތައް ގެއްލެމުންދާ ފަރާތްތަކާމެދު ރަނގަޅަށް ކަންތައްކޮށް ހެޔޮކޮށް ހިތުމަށް ނަސޭހަތްތެރިވެ ހިތްވަރުދީފައެވެ. އެކަމަށް ބާރުއަޅައިފައެވެ. އެ ޙައްޤުތައް ގެއްލެމުންދާ މީހުންގެ ހިތްދަތިކަމުގައި ބައިވެރިވެ މޮޅިވެރިކަން ފިލުވައިދިނުމުގެ ވެއްޓެއް ޤާއިމުކޮށްދީފައެވެ.

އިސްލާމްދީން އިންސާނީ ޙައްޤުތަކުގެ ދާއިރާގައި އެކަށައަޅައިފައިވާ މަތިވެރި އުސޫލުތަކާއި އެދީން އެރޮނގުން ކޮށްދީފައިވާ ނުހަނު އާރުލާ މަސައްކަތްތަކުގެ އަސާސަކީ ކީރިތި ޤުރްއާނެވެ. އިތުރު ސާހިބާގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަކީ އެ މަސައްކަތްތަކުގެ ޤާނޫނީ ބަހަވީ އަދި ޢަމަލީ ޝަރަޙައެވެ. ނަމަވެސް ކީރިތި ޤުރްއާނާއި ސުންނަތުގައި އެކަންކަން ބަޔާންކުރައްވައިފައިވަނީ މިޒަމާނުގެ ޤާނޫނީ ފޮތްތަކުގެ ބަހުރުވައަކުން ނޫނެވެ. މިޒަމާނުގެ ޤާނޫނީ ފޮތްތަކުގައި އެވާހަކަތައް ގެނެސްފައިވަނީ އެ ޙައްޤުތަކާ ގުޅޭ މާއްދާތަކެއްގެ ގޮތުގައެވެ. ބޭނުންވާ ފަހަރުފަހަރު ޝަރަޙަކޮށްދިނުމާ އެކުގައެވެ. (މި މައިގަނޑު ނަމުގައި މަޢުލޫމާތު އިތުރަށް މުއްސަނދިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، "އިސްލާމްދީން: އިންސާނީ ޙައްޤުތަކުގެ ފާރަވެރިޔާ" މިފޮތް ވިދާޅުން އެދެމެވެ.)

ކީރިތި ޤުރްއާނުގައި އެވާހަކަތައް ގެންނަވައިފައިވަނީ އަޚްލާޤީ އަދި ޤާނޫނީ ބަހުރުވައަކުންނެވެ. އަޚްލާޤީ ސިފައެއްގައި އެވާހަކަތައް ބަޔާންކުރައްވާއިރު އިންސާނީ ޙައްޤުތައް އަދާކުރުމަކީ އިންސާނީ ރީތި ސީރަތާއި ހަރުދަނާ އަޚްލާޤު ލާޒިމުކުރާ ކަމެއްކަމުގައި ވަނީ ބަޔާންކުރައްވައިފައެވެ. އިންސާނީ ޙައްޤުތައް އަދާކުރާ ފަރާތްތަކަށްވަނީ ތާރީފުކުރައްވައި ސަނާ ވަޙީކުރައްވައިފައެވެ. އެ ޙައްޤުތައް އަދާކުރާ ފަރާތްތަކަށް ވަނީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއާއި ބާއްޖަވެރިކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. އަނިޔާއާއި ބޭއިންސާފުން ކަންތައްކޮށް ޙައްޤުތައް ނައްތައިލުމުގެ ވާހަކަ ގެންނަވާއިރު ވަނީ އެކަމުގެ ސަބަބުން ކުރިމަތިލާންޖެހޭނެ ބިރުވެރި ނަތީޖާގެ މަތިން ހަނދާންކޮށްދެއްވައިފައެވެ. ނަރަކައިގެ ވަޢީދުގެ ބަސްފުޅު އިއްވަވައިފައެވެ. ކުރިންވެސް ދެންނެވި ފަދައިން ބައެއްފަހަރު ޤާނޫނީ ބަހުރުވައިންވެސް އެ ޙައްޤުތަކުގެ ވާހަކަ ވަނީ ބަޔާންކުރައްވައިފައެވެ. ނަމަވެސް އެވާހަކަތައް ބަޔާންކުރައްވާއިރު އެއްކަމަކާގުޅޭ ހުރިހާ ވާހަކަފުޅުތަކެއް އެއްތަނެއްގައި ގެންނެވުން ލާޒިމުކަމުގައި ބައްލަވައިފައެއް ނުވެއެވެ. (مــولانـا سـيّــد جـلال الـدّيــن)

އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާއާ މަތިކުރެއްވި އަފޫރުއްބަ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރެއްވިއެވެ. އެމާތް ނަބިއްޔާ صلّــى اللّـه عليـه وسلّـم އާއި އެމާތް ސާހިބާގެ މިތުރު ޞަޙާބީންގެ ބުރަ މަސައްކަތްޕުޅުން އިންސާނުންނަށް އެބައިމީހުންގެ ޙައްޤުތައް ލިބިދެއްވިއެވެ. ކަރާމަތް ހޯއްދަވައިދެއްވިއެވެ. އިސްލާމްދީން ރުހުމުގެ ލޮލުން ބެލީ އިންސާނިއްޔަތު އަޅުވެތިކޮށް ދުނިޔެ ވީރާނާކޮށްލާ ބާރުތަކަކަށެއް ނޫނެވެ. "ޠޫފާންތަކާއި ސުނާމީތަކާއި" ވަލުޖަނަވާރުތަކުގެ އުސޫލު ތަކަކަށެއް ނޫނެވެ. އިސްލާމްދީން ތާރީފުގެ ނަޒަރުން ބެލީ ސަމާޙަތްތެރިކަމަށެވެ. އިންސާނާގެ ހެޔޮކަމުގެ ޒަމީރު މަގުދައްކާގޮތަށެވެ. އިންސާނިއްޔަތަށް ހެޔޮއެދުމުގެ ވިންދުން ވިންދުޖަހާ، ލޯބިން ފުރިފައިވާ ހިތްތަކަށެވެ. ކޮންމެ އިންސާނަކީވެސް ތިމާގެ ޢާއިލާގެ މެންބަރެއްކަމުގައި ދެކޭ މީހުންނަށެވެ. މާތްކަމާއި ޝަރަފާއި ޤަދަރުވެރިކަން، ކުލައާއި ނަސްލާއި ޢާއިލާއާއި މޮށެއުޅޭ ބަހާއި ދިރިއުޅޭ ސަރަޙައްދާ ނުގުޅުވާ މީހުންނަށެވެ.

ނަމަވެސް އިންސާނިއްޔަތުގެ ޤިޔާދަތު އިސްލާމީ އުންމަތާ ވަކިވުމާ ގުޅިގެން ޙާލަތު ބަދަލުވެއްޖެއެވެ. ހުޅަނގުގެ ތަހުޒީބުގެ މަނަސް ހިނގަން ފެށުމާއެކު އިސްލާމްދީން އިންސާނިއްޔަތަށް ހޯދައިދިން މަތިވެރި ޝަރަފާއި ޤަދަރުގެމަތީން ހަނދާން ނައްތައިލައިފިއެވެ. ހުޅަނގުގެ ބާރުގައި އިންސާނުންގެ ކިބައިން ފޭރިގަތް އިންސާނީ ޙައްޤުތަކުގެ މައްސަލައިގައިވެސް އިސްލާމްދީން ކުށްވެރިކުރަން ފަށައިފިއެވެ. މުސްލިމުންނާ ދިމާޔަށް އިނގިލިމަޅަން ފަށައިފިއެވެ. ނަތީޖާއެއްގެގޮތުން ހުޅަނގުގެ ފިކުރީ އޮއިވަރުގައި ޖެހިފައިތިބި ބައެއް ދިވެހިންވެސް ގުރާތަކެއްގެ ބީދައިން ހަމަ އެ އަޑުތައް ތަކުރާރު ކުރާތަން އަތުވެއްޖެއެވެ.

މިޒަމާނުގެ މަސައްކަތް

ދުނިޔޭގައި ހުޅަނގުގެ ނުފޫޒު ހިނގަން ފެށިފަހުން ދުނިޔެއަށް ކުރިމަތިކުރުވި މުސީބަތްތަކުގެ ދައުރުގެ ތެރެއިން ވިހިވަނަ ސައްތައިގެ ކުރީކޮޅަކީ ހަނދާން ނައްތައިލުން ދަތި ދުވަސްތަކެކެވެ. އެދުވަސްވަރު އޮހޮރައިލެވުނު އިންސާނީ ލޭގެ ގިނަކަމަށްޓަކައެވެ. ދުނިޔޭގެ އެނގިފައިވާ ތާރީޚުގައި ހިނގައިފައިވާ އެންމެބޮޑު ދެހަނގުރާމަ ހިނގައިފައިވަނީ އެދުވަސްވަރުއެވެ. އެ ދެހަނގުރާމައިގެ ހުޅުގަނޑު ވަނީ އެމެރިކާއިން ފެށިގެން ޖަޕާނާ ހަމަޔަށް އޭގެ ބަނޑުދަށުލައިފައެވެ. ހަނގުރާމައިގެ އިފުރީތުގެ ލޭބުއިމުގެ އަލާކެނޑުނީ އެތަކެއް ލައްކަ އިންސާނުންގެ ލޭބުއިމަށްފަހުގައެވެ. މަޝްހޫރު ބުނުމެއްގައިވެއެވެ. ކޮންމެ ކަމެއްވެސް އޭގެ ނިހާޔަތަށް އެރުމުން ކުރިވަތަށް ޖަހައިލައެވެ. އެގޮތުން ހަނގުރާމައިގެ ހަވަސްވެސް ނިހާޔަތަށްގޮސް އިންސާނިއްޔަތު ވޭނާހުރެ ކެތްނުކުރެވި ކުކުރާން ފެށުމުން އަނެއްކާވެސް އިންސާނީވަންތަކަމުގެ ކަނިފަށެއް ފާޅުވެއްޖެއެވެ.

އާދެ، ތަފާތު ޤައުމުތަކުގައި އިންސާނީ ޙައްޤުތަކާމެދު ޤާނޫނު ހަދަން ފަށައިގެންފިއެވެ. މުޅި ދުނިޔެއިންވެސް އިންސާފަށް ލޯބިކުރާ މީހުން އެކަމާ އަޑުއުފުލާން ފަށައިފިއެވެ. ހަނގުރާމައާއި ޞުލްޙައިގެ ވަގުތުގައިވެސް އެންމެންވެސް ތަބާވާންޖެހޭ އަސާސީ އިންސާނީ ޙައްޤުތަކެއް އެކަށައެޅެންޖެހޭނެ ކަމުގައި ވާހަކަ ދެކެވޭން ފަށައިފިއެވެ. އެންމެފަހުން އެ ހުވަފެނުގެ ތަޢުބީރު ދުނިޔެއަށް ފެނިއްޖެއެވެ. 10 ޑިސެމްބަރ 1948 ގައި އދ. ގެ ޖެނެރަލް އެސެމްބްލީންވަނީ އިންސާނީ ޙައްޤުތަކުގެ ޗާޓަރެއް އެކުލަވައި ފާސްކުރުމުގައި ކާމިޔާބު ހޯދައިފައެވެ. ޑިސެމްބަރުމަހުގެ ދިހަވަނަ ދުވަހަކީ އަސާސީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާންވަނީ ފަށައިފައެވެ. އެކަމަކު ޙަޤީޤަތަކީ ކޮބައިތޯއެވެ. މިއީ ކީރިތި ޤުރުއާނާއި އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ ޙަދީޘްފުޅުތަކުގައި އެކަށައަޅުއްވައިފައިވާ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގެ ކުރިމަތީގައި ކުޑަވެސް ހައިސިއްޔަތެއް ލިބިފައިވާ އެއްޗެއް ނޫނެވެ. ކުޅޭކުޅޭ އެއްޗެކޭ ދަންނަވައިލުން އެކަށީގެންވާފަދަ އެއްޗެކެވެ. އެހެނީ މި ޗާޓަރަކީ އދ. ގެ ހުރިހާ މެމްބަރު ޤައުމުތަކުން ސޮއިކުރަން ލާޒިމު އެއްޗެއް ނޫނެވެ. ދެވަނަ ކަމަކަށް ބަލާއިރު މި ޗާޓަރަކީ އޭގެދަށުން އެއްވެސް މީހަކަށް އެމީހެއްގެ މައްސަލައެއް ބައިނަލްއަޤުވާމީ ޢަދާލަތަކަށް ގެންދިޔުމުގެ ބާރު ލިބިދޭ އެއްޗެއްވެސް ނޫނެވެ. ކަންމިހެން ހުރިކަމުގައިވިޔަސް މިއީވެސް ކާމިޔާބީއެއް ކަމުގައްޔާއި ކުރިޔަށްއެޅުނު ފިޔަވަޅެއްކަމުގައި ގަބޫލުކުރަމާ ހިންގަވާށެވެ. އޭގައިހުރި އުނިކަންކަން މަޑުމަޑުން ދުރުކުރެވެމުންދާނެ ކަމުގައި އުންމީދުކުރަމާ ހިންގަވާށެވެ. (خــالــد سيف اللّـه رحـمــانــى)

ތިރީގައި މިވަނީ އދ. ގެ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގެ މައްޗަށް ހިންގައިލައިފައިވާ އަވަސް ކަޅިއެކެވެ.

(ނުނިމޭ)