އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ އެ އަތޮޅު މަހިބަދުއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ބަންދުގައި ހުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ސާލިމެވެ. ސާލިމަކީ ދަނގެތީ ނެދުންގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެގޭގައި އުޅޭ މީހެކެވެ.
ސާލިމް ހައްޔަރުކޮށްފައިވަނީ ނެދުންގެއިން ޝައްކުވާ ފަދަ އަޑުތަކަކާއި މަންޒަރެއް ފެނުނު ކަމަށް މީހަކު ކުރި ރިޕޯޓަކާ ގުޅިގެން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން މިއަދު ވަނީ ސާލިމް ގޮވައިގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް އެ ގެ ފާސްކޮށް، މަހުމޫދު މަރާލާފައި އެއްލާލާފައި އޮތް ސަރަހައްދަށް ގެންގޮސް ބައެއް މަންޒަރުތައް އޭނާ ލައްވައި ކުޅުވައިފައެވެ.
ދަނގެތިން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ފުލުހުން ވަނީ ބުދެއް ބޭނުންކޮށްގެން ސާލިމް ލައްވައި ބައެއް މަންޒަރު ކުޅުވައިފައެވެ. އަދި ސާލިމް ދިރިއުޅުނު ގެއަށް ފުލުހުން ފަކީރާއަކާއި މާކިއުރީ ލައިޓް ސެޓެއް ވެއްދިކަމަށްވެސް އޭނާ ބުންޏެވެ.
ހެކި ހޯދުމަށް ސާލިމް ގޮވައިގެން އެތައް އިރަކު އުޅުމަށް ފަހު ސާލިމް މަހިބަދުއަށް ގެންގޮސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނާ ގޮތުން، މަހުމޫދުގެ ބޮލަށާއި ކަރުގައި ފުން ޒަހަމްތަކެއް ހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު