ވަގުތީ ޓީޗަރުންގެ އަދަދު އިތުރުވަމުންދާ ކަމަށާ މި ކަމަށް ހައްލު ނުހޯދައިފިނަމަ ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާންތަކުން އެންމެ މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މިއަދު ރާއްޖޭގެ ތައުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި މަސައްކަތް ކުރަމުދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި އަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ އަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން. މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުންނާއި އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށް ހައްލު ނުގެނެސްފިނަމަ، ކުރިމަގުގެ ޖީލަކީ އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު އިލްމީ ދިރާސާތަކެއް އެބަ ހަދަންޖެހޭ. ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، އިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަތީ ސާނަވީ ނިންމައި މަތީ ތައުލީމަށް ކުރިމަތިލާއިރު، އެ ފެށެނީ ގައުމު އާރާސްތު ކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒު ކުރަންވީ މަރުހަލާ ކަމަށެވެ
"ޑޮކްޓަރުންނަށް ވާން ބޭނުންވާ ކުދިންނާއި އިންޖިނޭރުންނަށް ވާން ބޭނުންވާ ކުދިން ތީގެ ތެރޭގައި ތިބޭނެ. ޓީޗަރުންގެ ގޮތުގައި ނުވަތަ ނަރުހުންގެ ގޮތުގައި ކުރިއަށްދާން ބޭނުންވާ ކުދިންވެސް ތިބޭނެ. އަދި އެނޫން ކިތަންމެ ރޮނގަކުން ވިސްނުން ހިންގާނެ ކިތަންމެ ކުދިންނެއް މިތާނގައި ތިބޭނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އޮތީ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް ގެންގޮސްދިނުމަށް ތައްޔާރަށް ކަމަށެވެ. ރާއްޖޭގައި ހުރެގެންވިޔަސް އަދި ރާއްޖެއިން ބޭރުންވިޔަސް، އެ ކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު