ރިޕޯޓް

މަހުމޫދުގެ މަރު: އެރޭ އަންހެނަކަށް އިވުނު އަޑާއި ފެނުނު ބިރުވެރި މަންޒަރު! އެއީ ބުޅަލެއް މަރާލި އަޑު؟

އަލީ ޔާމިން

9

ރަށުގެ އެންމެން ގަދަރުކުރި މަހުމޫދު އަބޫބަކުރު (55 އ)ގެ އަނިޔާވެރި މަރާއެކު އދ. ދަނގެއްޗަށް އަދިވެސް ވެރިވެފައިވަނީ މާޔޫސްކަމާއި ފުން ހިތާމައެވެ. ރަށް ވަނީ މަރުވެފަ އެވެ. ނާމާންކަމާއި ބިރުވެރިކަން ވެރިވެފަ އެވެ.

ދަނގެތީގެ ރައްޔިތުން މިއަދު އެންމެ ބޮޑަށް ދެކެން ބޭނުން ވަނީ މަހުމޫދުގެ ގާތިލުންނަށް ހައްގު އަދަބު ދެވި މަހުމޫދުގެ އާއިލާއަށް އިންސާފު ލިބޭނެ ދުވަހެކެވެ. އެކަމަށް އެރަށުގެ މީހުން ފެންބޮވައިގެންފައިވާ ކަން މަހުމޫދު މަރުވި ދުވަހު ހިނގައިދިޔަ ކަންތައްތަކަށް އެކަނި ނަޒަރު ހިންގާލުމުންވެސް ސާފެވެ.

އަނިޔާވެރި ގޮތެއްގައި، ބޮލަށާއި ފަޔަށް ސުތުލި ގޯންޏެއް މެހުމަށް ފަހު ބޯކޮޅު ވަތަށް މަހުމޫދުގެ ހަށިގަނޑު އެއްލާލާފައި އޮތީ އޭނާގެ އުފަން ގޭގެ ވަޅަށެވެ. މަހުމޫދުގެ ހަށިގަނޑު ފެނުނު މީހަކު ބުނި ގޮތުގައި މަހުމޫދުގެ ބޮލުގެ އެތަންމިތަނަށާއި ކަރަށާއި ގައިގައި އެތަންމިތަނުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އަދި ބުރަކަށީގައި، ބިންމަތީގައި ދަމާފައި ގެންދިއުމުން ހުންނަ ކަހަލަގެ ނިޝާންތަކެއް ހުއްޓެވެ. މަހުމޫދުގެ ހަށިގަނޑު ފެނުމާއެކު ދަނގެތީ ރައްޔިތުންގެ ލޭ ކެކުނެވެ. ޖަޒުބާތުގައި ޖެހި ދެމީހަކު "ގަންހިންގުވާފައި" ގެންގޮސް ފުލުހުންނާ ހަވާލު ކުރިއެވެ. މަހުމޫދުގެ މަރުގެ މައްސަލައިގައި ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ތުހުމަތު ކުރަނީ ކުށުގެ ރެކޯޑް އޮތް، އެ ދެމީހުންނަށެވެ. އެ ދެމީހުން ދުއްވި ސައިކަލެއްގައިވެސް ރޯކޮށްލައި އަޅިއަށް ހަދާލިއެވެ. ފުލުހުން އެމީހުންނަށް ހިމާޔަތް ދީ މަހިބަދުއަށް ގެންދިޔައެވެ. އޭގެ ފަހުން، އެމީހުންނާ އެއް ގެއެއްގައި ދިރިއުޅުނު ތޮއްޑޫ އަންހެނެއްވެސް ފުލުހުންގެ ހިމާޔަތުގެ ދަށުން މަހިބަދުއަށް ގެންދިޔައެވެ.

ދަނގެތީ ރައްޔިތުން އެ ތިން މީހުންނަށް މަހުމޫދުގެ މަރާއި ގުޅުމެއް ވާކަމަށް ތުހުމަތުކުރި ނަމަވެސް ފުލުހުން އެފަދަ އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. ފުލުހުންގެ ހިމާޔަތުގައި މަހިބަދުއަށް ގެންދިއުމަށްފަހު އެ ތިން މީހުން ހައްޔަރުކުރި އެވެ. ނަމަވެސް އެއީ މަހުމޫދުގެ މަރާ ގުޅުމެއް އޮވެގެން ކަމަށް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެމީހުން ހައްޔަރުކުރީ އިތުރު މައްސަލައެއްގައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެއެވެ.

މަރަށް 24 ގަޑިއިރު ފަހުން ތުހުމަތުގެ އިނގިލި މަޑުމައިތިރި ބިދޭސީއަކަށް

މަހުމޫދުގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ދަނގެތީގައި ހަރަކާތްތެރިވަމުން އަންނައިރު، ރަށުގެ ރައްޔިތުންގެ އުންމީދު އޮތީ ފުލުހުންގެ ތަހުގީގާ ގުޅިފައެވެ. މަހުމޫދުގެ މަރުގެ އަޑި ހޯދުމަށް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ކުޑަ އުންމީދެއް ލިބިގެން ދިޔައީ، މަހުމޫދު ގެއްލުނު ރޭ އޭނާ ދިރިއުޅެމުން އައި ގެއާއި ދުރުނޫން ހިސާބެއްގައި ހުރި ނެދުންގެ ނަމަކަށް ކިޔާ ގެއަކުން މީހެއްގެ ހަޅޭކުގެ އަޑާއި އެގެއިން އެއްޗެއް ދަމާފައި މީހަކު ގެންދާ މަންޒަރު އެރަށުގެ މީހަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ އެކުގައެވެ. ނެދުން ގޭގައި ދިރިއުޅެނީ އުމުރުން 70 އިން މަތިވެފައިވާ އާދަމް (އާދަމްބެ) އާއި އޭނާ ބަލަހައްޓަން އެގޭގައި ގެންގުޅޭ ބަންގްލަދޭޝް މީހެއް ކަމަށް ސާލިމް އެވެ.

ފުލުހުންނަށް އެ ރިޕޯޓު ލިބުމާއެކު، އިއްޔެ މެންދުރުން ފެށިގެން ސާލިމް ދިރިއުޅޭ ނެދުންގެ ސަރަހައްދު ބަންދުކޮށް އެ ގެ ގިނަ އިރުތަކެއްވަންދެން ފުލުހުން ބަލައި ފާސްކުރިއެވެ. އެއަށް ފަހު އުމުރުން 30 އަހަރުން މަތީގެ ސާލިމް ހައްޔަރު ކުރީ އިއްޔެ 16:00 ހާއިރުއެވެ.

ދަނގެތީން "ވަން" އަށް މައުލޫމާތު ދިން މީހަު ބުނި ގޮތުގައި ސާލިމް އަކީ ދީންވެރި އަހުލާގު ރަނގަޅު މީހެކެވެ. މީގެ ކުރިން ދުވަހަކުވެސް ސާލިމްގެ ފަރާތުން ނުކިއްސަރު އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ސާލިމްއަކީ ވަރަށް ރަނގަޅު މީހެއް. ބަރާބަރަށް ނަމާދު ކުރާނެ. އާދަމްބެ (ސާލިމް ބަލާ އުމުރުން ދުވަސްވީ މީހާ)އަށްވެސް ވަރަށް ހެޔޮވާނެ. އާދަމްގެ ގޮވައިގެން ބޭރަށް ގޮސްވެސް އުޅޭނެ. ވަރަށް ރަނގަޅަށް އޭނަ (ސާލިމް) އާދަމްބެ ބަލަނީ. ބަލާ ބެލުމަށް ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ ކުށެއް ކޮށްފާނެއެކޭ" އެމީހާ ބުންޏެވެ.

ނެދުންގެއިން ފެނުނީ ކޮން މަންޒަރެއް؟

މަހުމޫދު ގެއްލިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެރޭ 9:00 އަކާއި 9:30 އާ ދެމެދުގެ ވަގުތެއްގައި ނެދުންގެ ކައިރިން ހިނގާފައި ދިޔަ އަންހެނަކަށް ނެދުންގޭ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑާއި އަނިޔާކުރާ ޒާތުގެ އަޑުތަކެއް އިވިގެން އެގޭ ފާރުމަތިން ބޯ ދިއްކޮށްލި ވަގުތު އެއްޗެއް ދަމާފައި ގެންދާ ކަހަލަ މަންޒަރެއް އޭނާއަށް ފެނިފައިވާތީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިއެވެ.

"އެ އަންހެން މީހާ ދިޔައީ ރަށުގެ އިރުވައި ފަރާތުގައި އޮތް ކެއުމަކަށް ގޮސްފަ ގެއަށް. އަންހެން މީހާގެ ގެ ހުންނާނީ ރަށުގެ ހުޅަނގު ފަރާތު އަރިތިމައްޗަށް ވާ ކަހަލަ ގޮތަކަށް. އެންމެ ފަސޭހައިން ގެއަށް ދެވޭނެ މަގުގައި ނެދުންގެ މި ހުންނަނީ. ދެން ނެދުންގެއާ އަރައި ހަމަވިތަނުން އެ އަންހެން މީހާއަށް މި އިވެނީ އެގެއިން މީހަކު ހަޅޭ ލަވާ އަޑާއި މިފަދަ އަޑުތަކެއް. އެހެންވެ، ފާރުމަތިން ބޯދިއްކޮށްލި ވަގުތު އޭނައަށް މި ފެންނަނީ އެއްޗެއް ދަމާފައި ގެންދާ ކަހަލަގެ މަންޒަރެއް. އެހާ ސާފެއް ނޫން ކަމަށް ބުނީ އަނދިރިކޮށް އޮތީމައާވެސް އެކީ. އޭނަ ފުރަތަމަ ހީކުރީ އާދަމްބެއަށް ސާލިމް އަނިޔާކުރަނީއޭ. އެހެން ހިތާ އޭނާ ފުރަތަމަ އޭނާގެ ބޭބެ ކައިރީގައި އެވާހަކަ މިބުނީ. އެ އަންހެން މީހާގެ ބޭބެއަކީ އާދަމްބެއަށް ބޮޑުބޭބެ ކިޔާ އަންހެން މީހަކާ އެއްތަނެއްގައި މަސައްކަތް ކުރާ މީހެއް." މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ.

ނެދުންގެއިން އިވުނީ ބުޅަލެއް މަރާލި އަޑު؟

އެހެން ވެ، އެ ފިރިހެން މީހާގެ ފަރާތުން އާދަމްބެއަށް ބޮޑުބޭބެ ކިޔާ އަންހެން މީހާއަށް އެ ހަބަރު ދީ، އެ ދެމީހުންވެގެން އެރޭ ނެދުންގެއަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އެ ފިރިހެން މީހާ (ޝައްކުވާ ފަދަ އަޑާއިި މަންޒަރު ނެދުންގެއިން ފެނުނު އަންހެން މީހާގެ ބޭބެ) އާއި އާދަމްގެ އަށް ބޮޑުބޭބެ ކިޔާ އަންހެން މީހާ ފަހުން އެގެއަށް ދިޔަ. ގޮސް ދޮރުގައި ތަޅައިގަތީމައި ދޮރު ހުޅުވީ އާދަމްބެ. ދެން އަންހެން މީހާ މިއަހަނީ ބޮޑުބެއަށް ސާލިމް އަނިޔާއެއް ކުރީހެއްޔޭ އެފަދަ ވާހަކައެއް އަޑުއިވިގެންނޭ. ބުނީމަ ތަކުރާރުކޮށް އާދަމްބެ މިބުނީ އަނިޔާއެއް ނުކުރެއޭ، އިވުނު އަޑަކީ "ބުޅަލެއް" މަރާލި އަޑޭ. އެއިރު ސާލިމް ގޭގައި އުޅުނު" ނެދުންގެއަށް ދިޔަ ފިރިހެން މީހާއާ ހަވާލާދީ އެރަށުން "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އާދަމްބެއާ ގާތް މީހަކު ބުނި ގޮތުގައި އާދަމްބެއަކީ އުމުރުން ދުވަސްވުމުގެ ސަބަބުން އެކަނިހާލައިގެން އުޅެވޭ ވަރު މީހެއް ނޫނެވެ. ހިނގާބިނގާވެ އުޅެނީ ދަނޑިގަނޑެއްގެ އެހީގައި ކަމަށާއި ފެނުމާއި އަޑުއިވުމުގެ މައްސަލަތައްވެސް ކޮންމެވެސް ވަރަކަށް އުޅޭނެ ކަމަށް އޭނާ ބުންޏެވެ.

ނެދުންގެއިން ޝައްކުވާ ފަދަ އަޑުތަކާއި މަންޒަރު ފެނުނު މީހާއަށް "ވަން" އިން ގުޅުމުން ވަނީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ފުލުހުން "ސީން" ކުޅުވަން ސާލިމް ގޮވައިގެން ނެދުން ގެއަށް

ފުލުހުން ސާލިމް ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސްވެސް މިހާރު ވަނީ ޖަހާފަ އެވެ. އޭގެ ފަހުން އިއްޔެ މެންދުރެއްހާއިރު ފުލުހުންވަނީ ސާލިމްއާއެކު އޭނާ ދިރިއުޅުނު ނެދުންގެއަށް ވަދެފައެެވެ. މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި ފުލުހުން ވަނީ ސާލިމް ލައްވައި ބައެއް މަންޒަރުތައް ކުޅުވާފައެވެ. އެގޮތުން ފާރުމަތިން ފުންމާލި ގޮތާއި އަތުގެ އިޝާރާތުން ސާލިމް ބައެއް ކަންކަން ފުލުހުންނަށް ކިޔައިދީފައިވާ ކަމަށްވެސް މަންޒަރުދުށް މީހުން ބުންޏެވެ. އަދި މަހުމޫދުގެ ހަށިގަނޑު އޮތް ވަޅު ކައިރިއަށްވެސް ފުލުހުން، ސާލިމް ގެންގޮސް ވާހަކަތަކެއް އޭނާ ލައްވައި ހޯދާފައިވެއެވެ.

"ފުލުހުން ވަނީ މާކިއުރީ ލައިޓް ސެޓެއްވެސް އެގެއަށް ވައްދާފައި، އަދި ފަކީރާއާ އެއްޗެހިވެސް ވައްދާފައި. ލައިޓްތައް ދިއްލައިގެންވެސް ވަރަށް ގިނައިރު ފުލުހުން އެގޭގައި ހަރަކާތްތެރިވި. ފަހުން ފުލުހުން ވަނީ ބުދެއް ބޭނުންކޮށްގެން ސާލިމް ލައްވައި ބައެއް މަންޒަރުތައް ކުޅުވާފައި. ބެލެވޭ ގޮތުގައި ފުލުހުން ކުޅުވާފައިވަނީ މަހުމޫދު މަރާލި ގޮތް" ސާލިމް ގޮވައިގެން "ސީން" ކުޅުވިއިރު، އެ ސަރަހައްދުގައި ހުރި މީހަކު "ވަން" އަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފުލުހުން ވަނީ ފޮށިގަނޑަކަށް އަޅައިގެން ނެދުންގެއިން ބައެއް ތަކެތިވެސް ގެންގޮސްފައެވެ. ނަމަވެސް އެއީ ކޮން އެއްޗެއްސެއް ކަމެއް ސާފެއް ނުވެއެވެ.

ސާލިމްއާ ފުލުހުން ހިމާޔަތްދިން ދެމީހުންނާ ގުޅުމެއް ވޭތަ؟

މަހުމޫދުގެ މަރުގެ މައްސަލައިގައި ދަނގެތީ މީހުން ފުރަތަމަ ތުހުމަތު ކުރީ އއ. ތޮއްޑުއަށް ނިސްބަތްވާ އަލީ ޖަމްޝާދު، (31) އާއި އޭނާއާ ދެބެންގެ ދެދަރި ޝާރިހް އަލީ (20) އަށެވެ. އެރަށުގެ ރައްޔިތުންވެގެން އެ ދެމީހުން ފުލުހުންނާ ހަވާލުވެސް ކުރިއެވެ. ދަނގެތީ މީހަކު ބުނި ގޮތުގައި މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސާލިމް ދިރިއުޅޭ ނެދުން ގެއަށް އެ ދެމީހުން ވަރަށް ގިނައިން ގޮސް އުޅެއެވެ. އެއީ ނެދުންގޭގައި ދިރިއުޅޭ އާދަމްބެއާ އެ ތަނުން އެކަކުގެ ބައްޕައަކީ ގާތް ދެ ރަހުމަތްތެރިންނަށް ވުމާވެސް އެކީގައި ކަމަށް އޭނާ ބުންޏެވެ. ޖަމްޝާދް އާއި ޝާރިހް ނެދުންގެއަށް ގޮސް ގިނައިން ތިބެނީ އެގޭގެ ގޯތިތެރޭގައި ހުންނަ ކެޔޮގަސްތައް ކައިރީގައި ކަމަށާއި ނެދުންގެއަށް ދިޔަ ނަމަވެސް އާދަމްބެ ކައިރިއަށް ވަދެ އެހާ ގިނައިން ނުހަދާ ކަމަށް މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ. އަދި އެ ދެމީހުންނަކީ، ދުވަހު މަސައްކަތަށް މަހުމޫދުގެ ކައިރިއަށް ގޮސް އުޅޭ މީހުން ކަމަށާއި މަހުމޫދުގެ ހޮޓަލަށް ވަރަށް ގިނައިން އެ ދެމީހުން ގޮސް އުޅޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"ސީދާ ބުނާކަށް ނޭނގޭނެ އޮތީ ކޮން ގުޅުމެއް ކަމެއް. އެ ގެއަށް އެހާވަރަށް ދާ ބައެއް ވީމަ ސާލިމްއާ އެކުވެރިކަން އޮންނާނެ. އެކަމަކު ސާލިމް އެކަހަލަ ކަމެއް ކޮށްފާނެއޭ ހިތެއް ނުބުނޭ. އެއަށް ވުރެ މަޑުމައިތިރި މީހެއް އޭނައަކީ." ވަން އަށް މައުލޫމާތު ދޭ މީހާ ބުންޏެވެ.

މަހުމޫދުގެ މަރުގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ފުލުހުން ތަހުގީގުކުރަމުން އަންނައިރު، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ސާލިމް މިހާރު ވަނީ މަހިބަދުއަށް ގެންގޮސްފައެވެ. ދެން ތިބީ ރަށުގެ ރައްޔިތުން ފުލުހުންނާ ހަވާލުކުރި މީހުންނެވެ. އެމީހުންވެސް ތިބީ މަހިބަދޫގައެވެ. ނަމަވެސް އެމީހުންނާ މަހުމޫދުގެ މަރާ ގުޅުމެއް އޮތް ކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ. މަހުމޫދުގެ މަރުގެ މައްސަަލައިގެ ތަހުގީގަށް ގިނަ ހެކިތަކެއް އިއްޔެ ހޯދިއިރު، މަހުމޫދުގެ ގާތިލުން އަވަހަށް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ، މަހުމޫދުގެ އާއިލާއާއިދަނގެތީ ރައްޔިތުންގެ އާދޭހެވެ.