އދ. ދަނގެތީ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އިއްޔެ ހައްޔަރު ކުރި ބަންގްލަދޭޝް މީހެއްކަމަށްވާ ސާލިމް، ސީންއަށް ގެނެސް އޭނާ ލައްވައި ވާހަކަތަކެއް ކައިދީފިއެވެ.
ވިޔަފާރިވެރިޔާ މަހުމޫދުގެ މަރާ ގުޅިގެން ސާލިމް ދިރިއުޅޭ ގެއަށް ފުލުހުން ވަނީ އިއްޔެ ހެނދުނު 11:15 ކަންހާއިރުއެވެ. އެތައް އިރަކު އެ ގެ ފާސްކުރުމަށްފަހު ސާލިމް ހައްޔަރުކުރީ އިއްޔެ ހަވީރު 4:00 ހާއިރުއެވެ.
"ވަން" އަށް މައުލޫމާތު ދެމުން ދަނގެތީގެ މީހަކު ބުނީ މިއަދު މެންދުރުން ފެށިގެން ފުލުހުން ސާލިމްއާއެކު އޭނާ ދިރިއުޅޭ ގެ، ނެދުންގޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިއަދު ހަވީރު 5:50 ހާއިރު، ފުލުހުން ސަލީމް ގޮވައިގެން މަހުމޫދު މަރާލާފައި އެއްލާލާފައިވާ ވަޅު ކައިރި އާއި ބަންދުކޮށްފައިވާ ސަރަހައްދު ތެރޭގައި ހިނގާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
"އަތުގެ އިޝާރާތުން ކޮންމެވެސް އެއްޗެހިތަކެއް ފުލުހުންނަށް ސާލިމް ކިޔާދިން،" އޭނާ ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ސާލިމްގެ ގެއަށް ފުލުހުން ވަނީ އުދައްޔަކާއި މާކިއުރީ ލައިޓް ސެޓެއް ވައްދައިފައެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސާލިމްގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނާ ގޮތުން، މަހުމޫދުގެ ބޮލަށާއި ކަރުގައި ފުން ޒަހަމްތަކެއް ހުއްޓެވެ.
ދަނގެތިން "ވަން" އާ މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނީ، މަހުމޫދު ގެއްލުނު ރޭ، ބިދޭސީ މީހާ އުޅޭ ގެ، ނެދުންގޭ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށެވެ. އަދި ފާރު މަތިން ބޯ ދިއްކޮށްލައި ބަލައިލި އިރު އެއްޗެއް ދަމާފައި ގެންދާ ކަހަލަ އަޑެއް އިވުނު ކަމަށާއި ނަމަވެސް އަނދިރި ކަމުން އެއްވެސް އެއްޗެއް ނުފެނުނު ކަމަށް އަޑު އިވުނު މީހާއާ ހަވާލާދީ ބުންޏެވެ.
ސާލިމަކީ ނެދުންގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެގޭގައި އުޅޭ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު