އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި އެރަށު ޕްރީ ސްކޫލުތެރެއާއި އެތާ ކައިރީގައި ހުރި ނިކަގަސް ހިމެނޭ ސަރަހައްދު ބަންދުކޮށް ބަލައި ފާސްކުރަން ފަށައިފިއެވެ.

މި މަރާ ގުޅިގެން ދަނގެތީގައި ހަރަކާތްތެރިވާ ފުލުހުން އެރަށުގެ ޕްރީ ސްކޫލު ހިމެނޭހެން ބޮޑު ސަރަހައްދެއް ބަންދުކޮށްގެން މި މަރާ ގުޅުންހުރި އެއްޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ބިދޭސީއަކު ހައްޔަރުކޮށްފައިވާ އިރު، އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ދަނގެތިން ވާހަކަ ދެއްކި މީހާ ބުނީ ބިދޭސީ މީހާ ދިރިއުޅޭ ގެއިން ފޮށިގަނޑަކަށް އެއްޗެހިތަކެއް އަޅައިގެން ފުލުހުންގެ ޓީމު އެގެއިން ނުކުމެގެން ދިޔަތަން ފެނުނު ކަމަށާއި ނަމަވެސް އެއީ ސީދާ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި މިއަދުވެސް ފުލުހުން އެ ބިދޭސީ މީހާއާއެކު އޭނާ ދިރިއުޅޭ ގެއަށް އައިސް ކޮންމެވެސް ކަމެއް ކުރުވި ކަމަށްވެސް ބުންޏެވެ.

"މިއަދުވެސް ފުލުހުން އެ ބިދޭސީ މީހާ ގޮވައިގެން ގޮސް ކޮންމެވެސް ކަންތައްތަކެއް ކުރި. ސީދާ ނޭނގެ ކޮންކަމެއް ކަމެއް. ބޮޑަށް ހީވަނީ މަރާ ގުޅުން ހުރި އެއްޗިހިތަކެއް ހޯދީ ކަމަށް. ނޫނީ އޭނާ މަހުމޫދުބެ މަރާލި ގޮތް ކިޔައިދިނީ ކަމަށްވެސް ވެދާނެ،" ރަށުން "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ސާލިމް ނަމަކަށް ކިޔާ އެ ބިދޭސީ މީހާއަކީ ދަނގެތި، ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހަކު ބަލަން އެގޭގައި ހުންނަ މީހެކެވެ. ދަނގެތީ މީހުން ބުނީ އޭނާއަކީ ފަސްއިރު، ފަސް ނަމާދު ކުރާ މީހެކެވެ.