ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުގައި ތިބި އަށް މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
މިމަހުގެ 13 ވަނަ ދުވަހު ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފައެވެ. ދޫކޮށްލި ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެމީހުންނެވެ.
ފުލުހުން މިހާރު ވަނީ އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.
ފުލުހުން ބުނީ ހައްޔަރުގައި މިވަގުތު ތިބި އަށް މީހުންގެ ތެރެއިން ނ. ވެލިދޫ/ ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި ގއ. ކޮލަމާފުށި/ ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) އާއި ލ. ކަލައިދޫ/ ޖަނަވަރީމާގެ، މުހައްމަދު އަހުމަދު (34އ) ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކުރީ 10 ދުވަހުގެ މުއްދަތަށް ކަމަށެވެ.
ހދ. ކުމުންދޫ/ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ/ ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި ބަނގްލަދޭޝް/ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް/ ޑީއެމް މޮބިން (24އ) ބަނދުކުރަން އަމުރު ކޮށްފައިވަނީ 15 ދުވަހުގެ މުއްދަތަށެވެ. އަދި ގއ. ދެއްވަދޫ/ ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެއާއި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައި ވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައެވެ.
ޚަބަރު
ޚަބަރު
ޚަބަރު