ޖީއެމްއާރް ކުންފުނި އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލުމަކީ މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލެނާ އިންޓަނޭޝަލް އެއާޕޯޓު އޭރުގެ ނަމުން ނަމަ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރީ މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. އެއީ އެ އެއާޕޯޓު އިތުރަށް ތަރައްގީކޮށް ހިންގުމުގެ ނިޒާމު ހަރުދަނާކުރަން ވެވުނު އެއްބަސްވުމެއް ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެއާޕޯޓު ހިންގަން ޖީއެމްއާރް ކުންފުންޏާ ހަވާލުކުރީ ޓެކްސްލުއި ދީފައި އެވެ. ރާއްޖޭގެ މައި ދޮރާށި ބޭރުބަޔަކަށް ދިނީކަމަށް ބުނެ އޭރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ވަރުގަދަ މުޒާހާރަތެއް ކޮށް، ޖީއެމްއާރް ކުންފުންޏާއެކު ވެވުނު އެއްބަސްވުން ބާތިލުކުރަން ސަރުކާރަށް ޕްރެޝަރުކޮށްފަ އެވެ. އެއްބަސްވުން އުވާލިއިރު ރައީސް ކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން އެވެ.
އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ވުމުން ޖީއެމްއާރް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. އެ ފައިސާ ދައްކާފައި ވަނީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
މިނިސްޓަރު އަމީރު ރޭ ކުއްލިއަކަށް ޖީއެމްއާރު އަތުން އެއާޕޯޓު އަތުލި މައްސަލައިގައި ޓުވީޓު ކުރެއްވިއިރު، އެއާޕޯޓު ޖީއެމްއާރް ކުންފުންޏަށް ހަވާލު ކުރީ، ރައީސް ނަޝީދު 78 މިލިއަން ޑޮލަރު ބޭނުންފުޅު ވެގެން ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ވަނީ ލީކު ވެފަ އެވެ.
އަމީރު ރޭ ވިދާޅުވީ، އެއާޕޯޓު ޖީއެމްއާރު އަތުން އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ދައްކަން ޖެހުމުގެ ސަބަބުން، އެއާޕޯޓު އިތުރަށް ތަރައްގީ ނުވެ، ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ސަރުކާރަށް ޖެހުނީ ބަޖެޓުން މަޝްރޫއުތަކަށް ފައިނޭންސް ކުރަން ކަމަށެވެ. އެކަމުގެ ސަބަބުން އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައި ދައުލަތުގެ ދަރަނި އިތުރުވެ، ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަން ކުރަން ބަޖެޓުގައި ފައިސާ ނެތް ކަމަށެވެ.
"ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމަކީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ" އަމީރު ވިދާޅުވި އެވެ.
ޖީއެމްއާރު އެއާޕޯޓު ހިންގަން ސަރުކާރުން ފުރުސަތު ދެއްވިނަމަ 2014 ވަނަ އަހަރުގައި އެއާޕޯޓު ތަރައްގީކޮށް ނިމޭނެ ކަމަށާއި އެއްބަސްވުން ބާތިލުކުރުމުގެ ނަތީޖާއަކަށް ވީ އެއާޕޯޓުގެ މަސައްކަތް ނުނިމި އޮތުން ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޖީއެމްއާރުން އެއާޕޯޓު ތަރައްގީކޮށް 2014 ގައި ނިންމި ނަމަ ކޮވިޑު-19 ރާއްޖެ އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ޓޫރިސްޓުން ގެނެވުނީސް ކަމަށެވެ. އެކަން އެގޮތަށް ނުވުމުގެ ސަބަބުން ޓޫރިޒަމް އާމްދަނީން 13.2 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އެ 13.2 ބިލިއަން ޑޮލަރުން އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އެހެންކަމުން މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީ ކަމަށެވެ. އިތުރަށް ވިދާޅުވީ 2014 ވަނަ އަހަރަށް އެއާޕޯޓު ތަރައްގީކޮށް ނިމުނު ނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސޯދެއްގެ ބަދަލުގައި 10 ބިލއަން ޑޮލަރަށްވުރެ ބޮޑު އިގްތިސޯދަކާ އެކުގައި ކަމަށެވެ.
"އެއާޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ އަޅުގަނޑަށް އަންދާޒޭ ކުރެވޭ ގޮތުގައި 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސޯދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސޯދަކާއެކު" އަމީރު ވިދާޅުވި އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު