ޚަބަރު

ކަނޑުމަތީގެ ހާދިސާއެއްގައި ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

މުހައްމަދު އިޝާން

ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި ކުޑަކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެ ހާދިސާގެ މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، މާލެއިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އޮޅުވެލި ރިސޯޓު ކައިރިން ނެގި ރާޅެއްގައި ޖެހި ތިން މީހަކު މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ، މިއަދު 17:30 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާ ކަމަށާއި ހަތަރު އަހަރުގެ ކުއްޖަކު އަދިވެސް ފެނިފައިނުވާ ކަމަށެވެ. އަދި މިހާރު އެ ލޯންޗު ކ. ގުރާދޫ ފަޅަށް ވައްދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔައީ، "ޑްރީމް ސްޕީޑް" ނަމަކަށް ކިޔާ ވ. ފުލިދޫ ލޯންޗު ފެރީއެކެވެ.

ހާދިސާގެ މައުލޫމާތު އެގޭ މީހަކު "ވަން" އަށް ބުނީ، ލޯންޗު ދަތުރު ކުރަމުން ދިޔައިރު ވަރަށް އުސް ރާޅު ޖަހަމުން ދިޔަ ކަމަށެވެ. އެކަމަށް ކެޕްޓަން ސަމާލުކަން ނުދީ ހުއްޓައި ކުއްލިއަކަށް ޖަހާލި ރާޅަކާއެކު ލޯންޗު އަރިވެ ތިން މީހަކު ކަނޑަށް ވެއްޓުނު ކަމަށެވެ. އަދި ހަތަރު އަހަރުގެ ކުއްޖާގެ މަންމަ ކ. ގުރައިދޫ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ލޯންޗުން ދަތުރުކުރި އެހެން މީހެއްގެ ބޯ ވސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ލޯންޗުގެ ކެޕްޓަނަށް ވަނީ މި ހާދިސާގެ ސަބަބުން ނަފުސާނީ ބިރުވެރިކަމެއްގެ ތެރެއަށް ގޮސްފައި ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.