ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިހުގައި އެންމެ ޝަރަފުވެރި މުބާރާތް، ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ރާއްޖޭގެ ތަރި ފާތިމަތު ދީމާ އަލީ ކޮލިފައިވެއްޖެއެވެ.
އުމުރުން 13 އަހަރުގެ ދީމާއަކީ ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއެވެ. އެ ފަހުރުވެރި ކާމިޔާބީ ފާހަގަކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދީމާއަށް މަރުހަބާ ދަންނަވައިފައެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީމާގެ ކާމިޔާބީއާއެކު ރާއްޖެއަށް ބޮޑު ފަހުރެއް ލިބިގެން ގޮސްފި ކަމަށާއި މުބާރާތުގައިވެސް ރާއްޖޭގެ ނަމަށް ދީމާ ޝަރަފުވެރިކަން ގެނެސްދޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.
ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ދީމާގެ ނަން ހިމަނާފައިވަނީ 13 ވަނައިގައެވެ. ދީމާ، ދުނިޔޭގެ މުބާރާތަށް ކޮލިފައިވެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީ އާއި ދުނިޔޭގެ ރޭންކިންއަށް ބެލުމަށް ފަހުއެވެ.
ދީމާ، 13، ވަނީ މިދިޔަ އޭޕްރީލް މަހު ނެރުނު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ރޭންކިންގެ 15 އަހަރުން ދަށުގެ ބައިން އަށް ވަނައަށް ޖެހިލައިފައެވެ. އޭރު ސީނިއާ ކެޓަގަރީއަށް ބަލާއިރު 17 އަހަރުން ދަށުގެ ބައިން ދީމާ ވަނީ ދުނިޔޭގެ 41 ވަނައަށް އަރައިފައެވެ. އެކަމަކު އެންމެ ފަހުން އޯގަސްޓް މަހުގައި ނެރުނު ރޭންކިންގައިވާ ގޮތުން ދީމާ އޮތީ 15 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 11 ވަނައިގައެވެ. އަދި 17 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 53 ވަނައިގައެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެއަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފައެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ.
ދީމާ ވަނީ މިހާރު އޮމާންގެ މަސްކަޓްގައި ކުރިއަށްދާ އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.