ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

އެއްބައެއްގެ ބަދަލު ނުވާ ވިސްނުން: މޮޅުވީމަ ޓީމާއެކު، ބަލިވީމަ އެއްޗެހި ގޮވުން

މީގެ 13 އަހަރު ކުރީން ވެސް ދިވެހި ބައެއް ސަޕޯޓަރުންގެ ފަރާތުން ފެނުނީ އެ މަންޒަރެވެ. ދިވެހި ގައުމީ ޓީމު މެޗަކުން މޮޅުވެއްޖެއްޔާ އެވަރެއް ނެތެވެ. ބަލިވެއްޖެއްޔާ ނުރުހުން ފާޅުކޮށް، ކުޅުންތެރިންނަށް އަމާޒުކޮށް ބަދު ބަސްތައް ރައްދުކުރެއެވެ. ފުޓުބޯޅަ ދިރާސާކުރާ އެނަލިސްޓުންނަށް ވުރެ ވެސް ބައެއް މީހުން މޮޅެވެ.

މުބާރާތް ފެށުމުގެ ކުރިން ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ފާޑުކިޔުންތައް އަމާޒުކުރާ ތަން ވެސް ފެނިގެންދެއެވެ. ކުޅުންތެރީން ތިބޭ ސިފަޔަށް ވެސް ބައެއް މީހުން ޖޯކު ޖަހައެވެ. މިއީ ސާފް ޗެމްޕިއަންޝިޕް 2008ގަ އާއި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ވެސް ފެނުނު މަންޒަރުތަކެވެ. އިވުނު އަޑުތަކެވެ.

ނުރުހުން ފާޅުކުރުމުގެ ގޮތުން ކުޅުންތެރިންނަށް އަމާޒުކޮށް ބަސްތައް ރައްދުކުރުމުން އެކަމުގެ އަސަރު ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް ވެސް ކުރެއެވެ. މެޗުތަކަށް ކުޅުންތެރިން ނުކުންނަން ޖެހެނީ އެ ޕްރެޝަރުތަކާ އެކުއެވެ.

13 އަހަރު ކުރިން ވެސް ފެންވަރު ނެތް ކަމަށް ބުނެ ފާޑުކިޔުން!

ސާފް ޗެމްޕިއަންޝިޕް 2008 އަކީ ވެސް ރާއްޖޭގެ ދަނޑުން ފޯރިގަދަ މަންޒަރުތަކެއް ފެނުނު މުބާރާތެކެވެ. އެފަހަރުގެ މުބާރާތް ބޭއްވީ ސްރީ ލަންކާ އާއި ރާއްޖޭގައެވެ. ދިވެހި ޓީމުން ގްރޫޕު ސްޓޭޖުގެ މެޗުތައް ކުޅުނީ އަމިއްލަ ދަނޑުގައެވެ. ފުރަތަމަ ދެ މެޗުގައި ޕާކިސްތާނާއި ނޭޕާލު ބަލިކުރުމަށްފަހު ފަހު މެޗުގައި ނުކުތީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗަށް ނުކުތް އިރު، ރާއްޖެއަށް އޮތީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ވެފައެވެ.

އެފަހަރު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ރާއްޖެ އަތުން އިންޑިއާ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ވެސް ބައެއް މީހުން ވަނީ ގައުމީ ޓީމަށް ފާޑުކިޔަން ފަށައިފިއެވެ. މުބާރާތް ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު އެމީހުން ކަނޑައިލިއެވެ.

އެފަހަރު ރާއްޖެއަށް ތަށި ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ސޮބާހު މުހައްމަދު (ސޮބާ)، އެ ހަނދާންތައް ހިއްސާކުރަމުން ބުނެފައިވާ ގޮތުގައި މީޑިއާ އާއި އެކި ކޯޗުންނާއި ދިވެހި ސަޕޯޓަރުންގެ އެކިއެކި ފާޑުކިޔުންތައް އޭރުވެސް އަމާޒުވިއެވެ.

"އަޅުގަނޑު ހަނދާންވޭ އެއާޕޯޓު ތެރެއިން ވެސް އަޅުގަނޑު އަޑުއެހިން ކޮންމެވެސް މީހަކު އަޑު އިއްވަން ބުނި، އަނެއްކާވެސް ބަލިވާން ފުރައިގެން ދަނީއޭ. އެ ހުރިހާ އެއްޗެއް ބޮލުގައި އަޅައިގެން ގޮސް، އަޅުގަނޑުމެން ނިންމީ އެ ހުރިހާ ކަމެއް ދޫކޮށްލާފައި ދޭތިން އެކައްޗަށް ތަށި ހޯދަން. ވަރަށް ބޮޑު އަޒުމެއްގައި، އިތުބާރާ އެއްކޮށް އަޅުގަނޑުމެން ނުކުތީ،" ސޮބާ ބުންޏެވެ.

ސޮބާ ބުނިގޮތުގައި ރާއްޖޭގައި ބައެއް ފަހަރު އިދިކޮޅު ޓީމު ގޯލު ޖެހީމާ އަނެއްކޮޅަށް ވެސް ސަޕޯޓުކުރަން ފަށައެވެ. މިހާރު ދިވެހީންނަށް ސާފް ޗެމްޕިއަންޝިޕުގައި މޮޅު ނޫން އެއްޗެއް ގަބޫލުކުރަން އުނދަގޫ ވާނެ ކަމަށް ވެސް ސޮބާ ދެކެއެވެ.

އެ ހަނދާންތަކާ ގުޅޭގޮތުން "ވަން"އާ ވާހަކަދައްކަމުން އޭރުގެ ޓީމުން ވިދާލި ފުލްބެކް އަހުމަދު ސައީދު (އަންމަޓީ) ބުނެފައިވާ ގޮތުގައި އެއީ ސިޔާސީ ޕްރެޝަރުތައް ވެސް ވަރަށް ބޮޑުކޮށް ދިޔަ ފަހަރެކެވެ. ބައެއް ނޫސްވެރީން ތަށި ނުލިބޭނެ ކަމަށް ބުނެ ވާހަކަތައް ދެއްކި ކަމަށް އޭނާ ބުންޏެވެ.

"މީހުން ދައްކާ ވާހަކަ އަޑުއަހައިގެން ކުޅޭ މީހެއް ނޫން މިއީ އޭރުވެސް. ބަލިވާން ދިޔަ މުބާރާތެކޭވެސް ކިޔައި އުޅުނު އޭރު. އެއީ މުބާރާތުގެ ކުރިން ދިމާވި މައްސަލަތައް. އޭރު ކުރި ކަމަކީ ބޭރުގެ ޕްރެޝަރަށް ނުބަލައި، ހަމަ ސީދާ ސީރިއަސްކޮށް މުޅި ޓީމު ދިޔައީ ތައްޓަށް. އޭރު ޓީމު އޮތީ ވަރަށް ވަރުގަދަކޮށް. ވަރަށް ކޮންފިޑެންސްގައި ކުޅެވުނު،" އަންމަޓީ ބުންޏެވެ.

އެފަހަރުގެ ފާޑުކިޔުންތަކަށް ނިމުން ގެނުވީ ތައްޓާއެކު، ދިވެހީންނަށް ގެނެސްދިނީ އީދެއް!

ސާފް ޗެމްޕިއަންޝިޕް 2008ގެ ތެރޭގައި "ތިދަނީ ބަލިވާން" ކަމަށް ބުނެ ދައްކަމުންދިޔަ ވާހަކަތަކަށް ރައްދު ދިނީ ހިތްވަރާއެކު ޓީމުން ކުރި ބުރަ މަސައްކަތުންނެވެ. އެ ވާހަކަތަކަށް ނިމުމެއް ގެނުވީ ތަށި ނަގައިގެންނެވެ. އެފަހަރު ތައްޓާއެކު މުޅި ގައުމަށް އައީ އީދެކެވެ. މުޅި ޓީމަށް ވެސް އެއީ ފުހެލަން އުނދަގޫ ހަނދާންތަކެކެވެ.

އެ ފޮނި ހަނދާންތަކާ ގުޅޭގޮތުން ރަން ކެޕްޓަން އައްސަދު އަބްދުލްޤަނީ ބުނެފައިވާ ގޮތުގައި ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރެ ސިކުނޑީގައި ވިސްނުން ހުރިހާ ދުވަހަކު އެއީ ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. އެނބުރި ރާއްޖެ އައުމުން ހީނުކުރާހާ އެތައް ކަމެއް ފެނުނު ކަމަށް އައްސަދު ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކަށް އެއާޕޯޓުގެ ރަންވޭ މަތީގައި ބޯޓު ޖެއްސުމާއެކު އަޅުގަނޑަށް ޕައިލެޓުން ތިބޭ ތަނުން ބޯ ދިއްކޮށްލާނެ ފުރުސަތު ލިބިގެންދިޔަ. ރާއްޖޭގެ ދިދަ ވިހުރުވޭތަން ފެންނަ ހިސާބުން އަދި އަތުން ދިދައެއް ހިފައިގެން. އެއާއެކު އެއާޕޯޓަށް އަޅުގަނޑު ފޭބިއިރު އަޅުގަނޑަށް ފެނުނީ މުޅި ގައުމުގައި ތިބި ރައްޔިތުން، ރަތް ކުލައިގައި އެއާޕޯޓާ ހިސާބަށް، ކަނޑުމައްޗާ ހިސާބުން އަޅުގަނޑުމެން މާލެ އައިއިރުވެސް،" އޭނާ ބުންޏެވެ.

އައްސަދު ބުނެފައިވާ ގޮތުގައި އެ ދުވަހުގެ އެ މަންޒަރުތަކުން ދިވެހީންގެ ތެރޭގައި ފުޓުބޯޅައަށް އޮތް ލޯތްބާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ކުޅިވަރުގެ ތެރެއިން ގެނެވިދާނެ އެކުވެރިކަން ފެނިގެންދިޔައެވެ. އެއީ ހަޔާތުގައި ވެސް ދިވެހި ގައުމުން އެ އެކުވެރިކަން ފެނުނު އެއް ދުވަސް ކަމަށް އައްސަދު ދެކެއެވެ.

މިފަހަރުވެސް ގިނަ ބައެއްގެ ތައުރީފާއި ހިތްވަރު ގައުމީ ޓީމަށް!

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމު ފައިނަލަށް ނުދިޔަ ނަމަވެސް، ޓީމުން ދެއްކި ހިތްވަރަށް ގިނަ ސަޕޯޓަރުން އަދިވެސް އަންނަނީ ތައުރީފު ކުރަމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދިވެހި ސަޕޯޓަރުންގެ ތަރުހީބަށް ފަނޑުކަމެއް ނާދެއެވެ. އިންޑިއާއާ ދެކޮޅަށް ކުޅެ، ބަލިވި މެޗުގައި ވެސް ފެނިގެންދިޔައީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެ ތަރުހީބު ދިން މަންޒަރެވެ. އެ މެޗަށް ސަޕޯޓަރުން މުޅި ދަނޑު ޖަރީކޮށްލީ ރަތް ކުލައިންނެވެ.

ކުރީގެ ކުޅުންތެރިން ދެކޭ ގޮތުގައި މުބާރާތުގެ ކުރިން ނެގެޓިވް ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޓީމަށް ބޭނުންވާނީ ހިތްވަރެވެ. ބައެއް މީހުންގެ ފަރާތުން ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިކުރުވި ނަމަވެސް، ކުޅުންތެރިންނަށް ހިތްވަރުދޭ އެތައް ބަޔަކު އެބަ ތިއްބެވެ. އެމީހުންގެ ވާހަކަތަކަށް ރައްދުދޭން ގައުމީ ރޫހުގައި ތިބި އެތައް ސަޕޯޓަރުންނެއް އަދިވެސް އެގޮތުގައި އެބަތިއްބެވެ. މޮޅުވުމުން ވެސް ފަހުރުވެރިވާނީ ދިވެހީންނެވެ. ބަލިވެއްޖެއްޔާ އެ ބަލިވަނީ ދިވެހި ގައުމެވެ. ފާޑުކިޔަން ޖެހޭ ވަގުތުގައި ފާޑުކިޔަންވީއެވެ. އެކަމަށް ވަކި ވަގުތެއް އޮންނާނެއެވެ. ހައްދެއް އޮންނަންވާނެއެވެ.