ސާފް ޗެމްޕިއަންޝިޕް

މުތައިރީ، ސާފަށް: އަދަބު ދިނީ އުސޫލު ބަދަލުކޮށްގެން

އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭން ބެންޗުގައި ނުހުރެވޭނެ ގޮތަށް ސާފުން ނިންމީ އުސޫލުތައް ބަދަލުކޮށްގެން ކަމަށް ނޭޕާލުގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ ބުނެފިއެވެ.

މިރޭ އޮންނަ މެޗަށް މުތައިރީއަށް ބެންޗުގައި ނުހުރޭވެނެ ކަމަށް ސާފުން ނިންމީ އޭނާއަށް ދެ މެޗުގައި، ދެ ރީނދޫ ކާޑެއް ދައްކާފައިވާތީއެވެ. އެކަމާ ގުޅިގެން ނުރުހުން ފާޅުކުރަމުން މުތައިރީ ބުނީ ސާފްގެ ގަވާއިދުގައި ބުނާ ގޮތުން ދެ ރީނދޫ ކާޑަކާއެކު ޖެހިގެން އަންނަ މެޗަށް ސަސްޕެންޝަން އަންނާނީ ހަމައެކަނި ކުޅުންތެރިންނަށް ކަމަށެވެ. އޮފިޝަލުންނާއި ކޯޗުންނަށް ސަސްޕެންޝަން އަންނާނީ ރަތް ކާޑު ދެއްކުމުން އެކަނި ކަމަށް އޭނާ ބުންޏެވެ.

އެ ވާހަކަތަކާއެކު މުތައިރީ ވަނީ ސާފްގެ ގަވާއިދުގައި އެ ވާހަކަ ލިޔެފައިވާ ބައިގެ ފޮޓޯއެއްވެސް ފޭސްބުކްގައި ހިއްސާކޮށްފައެވެ. އެކަމާ ގުޅިގެން ވާޗުއަލްކޮށް އަރަބި ނޫހަކާ ވާހަކަދައްކަމުން މުތައިރީ ބުނީ ސާފުން އޭނާއަށް އަދަބު ދިނީ އުސޫލު ބަދަލު ކޮށްގެން ކަމަށާއި، ސާފުގެ މައްސަލަ އޭއެފްސީއާއި ފީފާއަށް ގެންދާނެ ކަމަށެވެ.

"ސާފުން އަހަންނަށް އަދަބު ދިނީ އުސޫލުތައްވެސް ބަދަލުކޮށްގެން. އާ އުސޫލުތައް އުފައްދައިގެން. އެ އަދަބު ދެވުނީ އަހަންނަށް އެކަންޏެއް ނޫން. އެ އަދަބު ދެވުނީ ނޭޕާލަށް، މުޅި ގައުމަށް. އެ މައްސަލައިގައި އަހަރެން ފީފާއާއި އޭއެފްސީ އަށްވެސް ދާނަން،" މުތައިރީ ބުންޏެވެ.

މުބާރާތުގައި މުތައިރީގެ ފަރާތުން ތަފާތު މަންޒަރުތައް ފެނިފައިވާ އިރު، އާންމުކޮށް އޭނާ ފެންނަނީ ރެފްރީންނާވެސް ޖަދަލުކުރާ ކޯޗެއްގެ ގޮތުގައެވެ. މެޗުތަކުގައި އެމޯޝަނަލް ކޯޗެއްގެ ގޮތުގައި މުތައިރީ ފެންނަ އިރު، މިރޭގެ ތާރީހީ ފައިނަލަށް އޭނާ ބެންޗުގައި ނެތުމަކީ ނޭޕާލް ޓީމަށް ލިބޭނެ ދެރައެވެ. ނޭޕާލުން ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ސާފްގެ ފައިނަލަކަށް މިރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

އިންޑިއާއިން މިރޭގެ މެޗަށް ނުކުންނަ އިރު، އެޓީމުގެ ކޯޗު އީގޯ ސްޓިމަކަށްވެސް ބެންޗުގައި ނުހުރެވޭނެއެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓިމަކަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.