މިދިޔަ ބުރާސްފަތި ދުވަހު އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު އެރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން އެރަށުގެ ބޮޑު ބައެއް ބަންދުކޮށް ގެތަކަށް ބަލައި ފާސްކުރަން ފަށައިފިއެވެ.

ދަނގެތިން "ވަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުންގެ ތަހުގީގު މިއަދު ފުޅާކޮށް މަހުމޫދުގެ ހަށިގަނޑު ފެނުނު ސަރަހައްދުން ފެށިގެން ބޮޑު ބައެއް ބަންދުކޮށް ގެތަކެއް ފާސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށު ބިދޭސީއަކާއި އުމުރުން ދުވަސްވީ މީހަކު ދިރިއުޅެމުންދާ ގެއެއް ބަލައި ފާސްކުރުމަށް އެގެތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.

އޭނާ ބުނީ އިތުރު ގެތަކެއް ބަލައި ފާސްކުރުމަށް އެގެތަކުގެ ރަޖިސްޓްރީ ހޯދައިގެން ކޯޓު އަމުރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މަހުމޫދުގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ އިރު، ޝައްކުކުރެވޭ ދެ މީހުންނަށް ދަނގެތި ރައްޔިތުން ނުކުމެ އަނިޔާކޮށް ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް ފުލުހުން ތަހުގީގުކުރާ އެހެން މައްސަލައަކާ ގުޅިގެން އެމީހުން ވަނީ ހައްޔަރުކޮށްފައެވެ.