ސާފް ޗެމްޕިއަންޝިޕް

ކިރަންގެ ދެވަނަ "ހޯމް"ގައި ފައިނަލަށް، ދިވެހީންގެ ސަޕޯޓުގެ އުންމީދުގައި!

ނޭޕާލުން އެގައުމުގެ ތާރީހުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ފައިނަލަށް މިރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މިއީ އެގައުމުގެ ފުޓުބޯޅައިގެވެސް އެންމެ މުހިންމު މެޗެވެ. ސަބަބަކީ މިރޭގެ ފައިނަލާ ހަމައަށް ނޭޕާލު ދިޔައީ އެތަކެއް މަސައްކަތެއް ކޮށް، އެތަކެއް ފެއިލިއާތަކަކަށް ފަހުގައި ކަމަށް ވާތީއެވެ. މިރޭގެ ފައިނަލަކީ ނޭޕާލުގެ ފުޓުބޯޅައަށް އެތަކެއް ބަދަލުތަކެއް ގެނެސް، އެތަކެއް ޒުވާން ތަރިންތަކެއް އުފައްދައިގެން ހޯދި ފައިނަލެކެވެ.

ތާރީހީ ފައިނަލުގައި ނޭޕާލުން ބަރޯސާ ވާނެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޓީމުގެ ކެޕްޓަން ކިރަން ކުމާރެވެ. ސަރަހައްދުގެ އެންމެ މޮޅު އެއް ގޯލްކީޕަރުގެ އިތުރުން އޭނާއަކީ ނޭޕާލުގެ ލީޑަރެވެ. ސަރަހައްދީ ފުޓުބޯޅައަށްވެސް ފަރިތަ ނަމެކެވެ. ކިރަން ރާއްޖެ އައީ 2017 ވަނަ އަހަރުއެވެ. ޓީސީ ސްޕޯޓްސް ކްލަބަށް އައިސް އެ ކްލަބާއެކު ކުޅުނު ފުރަތަމަ މުބާރާތް ކަމަށްވާ ބަންގުލަދޭޝްގެ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް އޭނާ ކާމިޔާބުވެސް ކުރިއެވެ. އެ މުބާރާތުން ހޯދި އިތުބާރާއެކު ކިރަން ރާއްޖެއަށް ތައާރަފު ވެލިއެވެ. އޭގެ ފަހުން ޖެހިގެން އައި ސީޒަންގައި އިންޑިއާގެ މިނެރާވް ޕަންޖާބާއެކު އައި ލީގު ހޯދައި، އަނެއްކާވެސް ޖެހިގެން އައި ސީޒަނަށް ޓީސީއަށް އައިސް، ކިރަން ރާއްޖޭގެ ލީގު ކާމިޔާބު ކުރިއެވެ.

"މިއީ އަހަރެންގެ ދެވަނަ ހޯމް. ދެ އަހަރު މި ދަނޑުގައި ކުޅެފިން. ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް އަހަރެން އެނގޭނެ. އުންމީދުކުރަނީ ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކު ދަނޑަށް އައިސް އަހަރެމެންނަށް ސަޕޯޓް ކޮށްދިނުން. ލީގު ބުރުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗާ މެދު މިހާރު ނުވިސްނަން. ފައިނަލުގައި ނުކުންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް، އިންޑިއާ ބަލިކޮށް މެޗު ކާމިޔާބުކުރުމުގެ އަޒުމުގައި. މުޅި ޓީމުގެ ރޫހުވެސް އޮތީ އެގޮތަށް،" އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައި ކިރަން ބުންޏެވެ.

ލީގު ބުރުގައި ނޭޕާލުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އިންޑިއާއިން ޑޮމިނޭޓުކޮށް ކުޅެ ހަމަލާތައްވެސް އުފެއްދި އިރު، ކިރަންގެ "އައުޓްސްޓޭޑިން" ސޭވްތަކެއް ފެނިގެން ދިޔައެވެ. ހާއްސަކޮށް އެ މެޗުގައި ނޭޕާލް ޓީމު އޯގަނައިޒް ކުރުމުގައި ކިރަންގެ ލީޑާޝިޕް ފާހަގަކޮށްލެވުނެވެ.

ކިރަން ހުރީ ދިވެހި ސަޕޯޓަރުންގެ އުންމީދުގައެވެ. ހާއްސަކޮށް އޭނާ ހުރީ ނޭޕާލުގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ އުންމީދުގައެވެ. އިންޑިއާއާއި ނޭޕާލް ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް އޮންނާނީ މިރޭ 8:00 ގައެވެ.