ދަނޑުވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުުރުމަށް ތ. ކަނޑޫދޫގައި ރޭ ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ސިނާއީ ފެންވަރެއްގައި ދަނޑުވެރިކަން ކުރާނެ ޒުވާނުން އުފެދިގެން އައުމަކީ ސަރުކާރުގެ އުންމީދު ކަމަށެވެ.
"ދަނޑުވެރިކަން ކުރާ ޒުވާނުން އިތުރުކުރުމަކީ އަމާޒެއް، އެއީ ސަރުކާރުގެ އުންމީދު، އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަމަށް ބޭނުންވާ މަގު ފަހިކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެއްޗަށް މާކެޓް އެބަ އޮތް ކަމަށެވެ. އެގޮތުން ރާއްޖޭގައި އެތައް ރިސޯޓެއް އޮތް އިރު އެ ރިސޯޓުތަކުން ބޭނުންވަނީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ ކަމުގެ ޔަގީން ކަން ކަމަށެވެ.
ދަނޑުވެރިންގެ ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދަނޑުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަނޑުވެރިކަން ކުރާ ބިން ދިގު މުއްދަތަކަށް ނުލިބުން ކަމަށެވެ. ރައީސް ވަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ފަސޭހައިން ބިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އޯގަނިކް ފާމިން އަށް އިސްކަން ދޭން ޖެހޭ ކަމަށާއި އެކި ކަހަލަ ކެމިކަލްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް ހެއްދުމުން އެކި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އެގޮތުން މިހާރުވެސް ބައެއް ބަލިތައް ފެތުރެމުންދާކަމުގައި ބެލެވިފައިވާ ކަމަށާއި އެކަން އިތުރަށް ދިރާސާ ކުރުމަށް ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެކު ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު