ދަނޑުވެރިކަން ކުރަން އިތުރު ފަސް ރަށެއް މިއަހަރު ދޫކުރަން ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ. ކަނޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ހުސެއިން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާ ގުޅިގެން ބޭއްވި ދަނޑުވެރިކަމުގެ ފޯރަމްގައި ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދަނޑުވެރިކަން ކުރަން ބޭނުންވާ ބިމުގެ ދަތިކަން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ބިން ކުޑަ ގައުމެއް ކަމަށާއި އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ބިން ދޫކުރާއިރު، ބިން އިސްރާފު ނުވާނެ ގޮތަށް ބިން ދޫކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރާއްޖޭގައި އެއްވެސް ބޭނުމެއް ނުކުރާ އެތައް ފަޅުރަށެއް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭގެން ބައެއް ރަށްތައް ދަނޑުވެރިންނަށް ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އެގޮތުން މިއަހަރުވެސް އިތުރު ފަސް ރަށެއް ދަނޑުވެރިކަން ކުރުމަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ދަނޑުވެރިކަމަށް ބައެއް ފަޅުރަށްތައް ހާއްސަކުރުން. އެގޮތުން މިމަހުގެ ތެރޭގައިވެސް އިތުރު ފަސް ރަށް އަޅުގަނޑުމެން ދަނޑުވެރިންނަށް ދޫކޮށްލާނަން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބިން ލިބޭ ފަރާތްތަކަށް ފަސޭހައިން އިންވެސްޓްމެންޓް ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
މިނިސްޓަރު ހުސެއިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބިމުގެ ނިސްބަތް ކުޑަ އިރު، ދަނޑުވެރިކަން ކުރަން ލިބޭ ބިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުން މުހިންމު ކަމަށެވެ.