ކޮންސަވޭޓިވް މަޖިލިސް މެމްބަރު ސާ ޑޭވިޑް އެމިސްއަށް އަމާޒުކޮށް ދިން ވަޅީގެ ހަމަލާގައި އޭނާ އަވަހާރަވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޮންސަވޭޓިވް ޕާޓީގެ މެމްބަރު ސާ ޑޭވިޑް އެމިސްގެ ގަޔަށް ވަނީ އެކި ފަހަރު މަތިން ވަޅި ހަރައި ޒަހަމުކޮށްލައިފައެވެ. މަޖިލީހުގައި ސައުތުއެންޑް ވެސެކްސްގެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރަށް މިއަދުގެ ވަގުތެއްގައި ހަމަލާދީފައިވަނީ ލިއޮންސީގައި ހުންނަ ބެލްފެއާސް މެތޮޑިސްޓް ޗާޗުގައި ކުރިއަށް ދިޔަ ހަރަކާތެއްގެ ތެރެއިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޑެވިޑް އެމިސްއަށް ވަޅިން ދިން ހަމަލާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް މިއަދު އަވަހާރަވެފައިވާ ކަމަށެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރުން ފެށިގެން ސައުތުއެންޑް ވެސްޓް ތަމްސީލުކުރައްވަމުން އަންނަ ސާ ޑެވިޑް އެމިސް މަޖިލީހަށް ފުރަތަމަ އިންތިހާބުވެ ވަޑައިގެންފައިވަނީ 1983 ވަނަ އަހަރުން ފެށިގެންނެވެ.

އެސެކްސް ފުލުހުން ބުނީ ލިއޮންސީގެ އީސްޓްވުޑް ނޯތު ރޯޑުގައި ވަޅި ހަރައިގެން އުޅޭކަމުގެ ރިޕޯޓު މިއަދުގެ 12.05 ގައި ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެސަރަހައްދަށް ގޮސް، ހަމަލާދޭން ބޭނުންކުރި ވަޅިއާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ޑޭވިޑް އެމިސް އަކީ ޔޫކޭ އަދި ރާއްޖޭގެ އޯލް ޕާޓީ ޕާލިއަމެންޓް ގްރޫޕްގެ ޗެއާއެވެ.

މި ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޭވިޑް އެމިސް އަކީ އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމުގައި ވަރަށްވެސް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރައީސް ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.