އިނގިރޭސިވިލާތުގެ މަޖިލިސް މެމްބަރެއްގެ ގަޔަށް ވަޅި ހަރައި ޒަހަމުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޮންސަވޭޓިވް ޕާޓީގެ މެމްބަރު ސާ ޑޭވިޑް އެމިސްގެ ގަޔަށް ވަނީ އެކި ފަހަރު މަތިން ވަޅި ހަރައި ޒަހަމުކޮށްލައިފައެވެ. މަޖިލީހުގައި ސައުތުއެންޑް ވެސެކްސްގެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރަށް މިއަދުގެ ވަގުތެއްގައި ހަމަލާދީފައިވަނީ ލިއޮންސީގައި ހުންނަ ބެލްފެއާސް މެތޮޑިސްޓް ޗާޗުގައި ކުރިއަށް ދިޔަ ހަރަކާތެއްގެ ތެރެއިންނެވެ.

ސްކައިނިއުސްއިން ބުނީ މެމްބަރު ސާ ޑޭވިޑް އެމިސް އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން މީހަކު ވަނީ އޭނާގެ ގާތަށް ގޮސް ވަޅިން ހަމަލާދީފައެވެ.

އުމުރުން 69 އަހަރުގެ އެމިސް އަށް ލިބުނު އަނިޔާއަށް ވަގުތުން އެސަރަހައްދުގައި ފަރުވާދެމުން އަންނައިރު އިތުރު ފަރުވާއަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް އެސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ސްކައި ނިއުސް އިން ރިޕޯޓުކުރެއެވެ. އަދި އޭނާގެ ހާލަތާ ގުޅޭގޮތުން ވަކިއެއްޗެއް ބުނަން ނޭނގޭ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރުން ފެށިގެން ސައުތުއެންޑް ވެސްޓް ތަމްސީލުކުރައްވަމުން އަންނަ ސާ ޑެވިޑް އެމިސް މަޖިލީހަށް ފުރަތަމަ އިންތިހާބުވެ ވަޑައިގެންފައިވަނީ 1983 ވަނަ އަހަރުން ފެށިގެންނެވެ.

އެސެކްސް ފުލުހުން ބުނީ ލިއޮންސީގެ އީސްޓްވުޑް ނޯތު ރޯޑުގައި ވަޅި ހަރައިގެން އުޅޭކަމުގެ ރިޕޯޓު މިއަދުގެ 12.05 ގައި ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެސަރަހައްދަށް ގޮސް، ހަމަލާދޭން ބޭނުންކުރި ވަޅިއާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ޑޭވިޑް އެމިސް އަކީ ޔޫކޭ އަދި ރާއްޖޭގެ އޯލް ޕާޓީ ޕާލިއަމެންޓް ގްރޫޕްގެ ޗެއާއެވެ.

މި ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޭވިޑް އެމިސް އަކީ އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމުގައި ވަރަށްވެސް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރައީސް ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ޑޭވިޑް އެމިސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.