އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ޖަނާޒާ މިއަދު އެރަށުގައި ބާއްވައިފިއެވެ.
މަހުމޫދުގެ ހަށިގަނޑު ވަޅުލާފައިވަނީ މިއަދުގެ އަސްރު ނަމާދަށް ފަހުއެވެ. މަހުމޫދުގެ ޖަނާޒާގައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މަހުމޫދުގެ ހަށިގަނޑު އިތުރު ތަހުލީލުތަކެއް ހެދުމަށް މިއަދު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ. އަދި ތަހުލީލުތައް ހެދުމަށްފަހު އޭނާގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 2:00 ހާއިރެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެެރަށުގެ ފަޅު ގޯއްޗެއްގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލައިފައި އޮއްވައެވެ. އެ ފެންވަޅަށް މަހުމޫދު ވައްޓާލާފައި ވަނީ ދެފަޔާއި ބޮލަށް ގޯންޏެއް މެހުމަށް ފަހު ބޯކޮޅު ވަތަށެވެ.
މަހުމޫދުގެ ހަށިގަނޑު ހިނަވާން ގެންދިޔަފަހުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މަހުމޫދުގެ ވައިނޮޅީގެ ދެފަރާތަށް ވަނީ ވަޅި ޖަހައިފައެވެ. އޭގެ އިތުރުން ބޮލުގެ އެތައް ތަނަކަށް ވެސް ތޫނު އެއްޗެއް ހަރާފައި ހުއްޓެވެ. އެތަންތަނުގެ ފުންމިން ބޮލުގެ ނާށިގަނޑާ ހަމަޔަށް ހުރި ކަމަށް ވެސް ބުންޏެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ރައްޔިތުން ނުކުމެ ދެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާއިރު މަހުމޫދުގެ މަރުގެ އެންމެ ބޮޑު ތުހުމަތެއްވެސް ވަނީ އެ ދެމީހުންނަށެވެ. އެތަނުން އެއް ޒުވާނަކީ ތޮއްޑު އާއި ދަނގެއްޗަށް ނިސްބަތްވާ ޒުވާނެކެވެ. އަނެއް ޒުވާނާއަކީ ތޮއްޑޫ ޒުވާނެކެވެ. އެ ދެ ޒުވާނުންނަކީވެސް ވަރަށް އެކުގައި އުޅޭ ދެ ޒުވާނުން ކަމަށް ދަނގެތިން މައުލޫމާތު ދިން މީހަކު ބުންޏެވެ.
މީގެ އިތުރުން އެ ދެ މީހުންނާއެކު އެއް ގެއެއްގައި އުޅުނު އަންހެނަކުވެސް ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފައެވެ. އެ ތިން މީހުންވެސް މިހާރު ވަނީ އެ ރަށުން ބާލައިފައެވެ.
މަހުމޫދު މަރާލި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހާއްސަ އިންވެސްޓިގޭޝަން ޓީމަކުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެ ތަހުގީގު ކުރިއަށްގެންދަނީ ހުރިހާ ކަމަކަށް ސަމާލުވެ މި ލާއިންސާނީ އަމަލު ހިންގުމުގައި ބައިވެރިވި ކުށްވެރިން ހައްޔަރު ކުރުމަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު