ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. ކަނޑޫދުއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގައުމީ ދަނޑުވެރިކަމުގެ ދުވަސް އެރަށުގައި ފާހަގަ ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފަށްޓަވައިދެއްވުމާއި ފަޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެއެވެ. އަދި ކާބޯތަކެތީގެ މައުރަޒު ހުޅުއްވައި ދެއްވައި ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ މިދިޔަ އަހަރު ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް ރައީސް ނިންމެވި ފަހުން މި ފެންވަރުގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
ގައުމީ ދަނޑުވެރިންގެ ދުވަހާއި މި އަހަރުގެ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސް ކަނޑޫދޫގައި ފާހަގަކުރުމަށް ނިންމެވިކަން ރައީސް ސޯލިހު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ކަނޑޫދުއަށް ކުރެއްވި ޒިޔާރާތުގައި އެރަށުގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއަށްފަހު ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސަށް ދެއްވާ ޖާފަތެއް އޮންނާނެއެވެ.
ރައީސް ކަނޑޫދުއަށް ކުރެއްވި ދަތުރު ނިންމަވާލުމައްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.
ގައުމީ ދަނޑުވެރިންގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.