ދުނިޔޭގެ ޓޭބަލް ޓާބަލް ޓެނިސް، ޔޫތު ކޮންޓެންޓާ މުބާރާތުގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ދަތުރު ކޮށްފިއެވެ.
އޮމާންގެ މަސްކަޓުގައި މިހާރު ކުރިއަށްދާ މުބާރާތުގެ ކުއާޓާއަށް ދީމާ ދަތުރުކުރީ ގްރޫޕު ސްޓޭޖުގައި ސެޓެއްވެސް ގެއްލުވާ ނުލައެވެ. ދީމާ ކުއާޓާ ފައިނަލުން އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ އާއި ޕާކިސްތާންގެ ހޫރު ފަވާދު ބަލިކުރިއެވެ. ފުރަތަމަ މެޗުގައި ހޫރުގެ މައްޗަށް ދީމާ ކުރިހޯދީ 11-8، 11-4 އަދި 11-9 އިންނެވެ. އަދި ދެ ވަނަ މެޗުގައި ދިޔޯރާ އަތުން ދިމާ މޮޅުވީ 12-10، 11-8 އަދި 11-5 އިންނެވެ.
މިއަދު ކުޅޭ ކުއާޓާ ފައިނަލުގައި ދީމާ ވާދަކުރަން ޖެހޭނީ ގަދަ 16 ގައި އީރާންގެ ޔެކްތާ އަބީދިއާން އާއި އުޒްބެކިސްތާންގެ އާސެލް އަރެކްބައޭވާ ކުޅެގެން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.
ދީމާ، 13، ވަނީ މިދިޔަ އޭޕްރީލް މަހު ނެރުނު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ރޭންކިންގެ 15 އަހަރުން ދަށުގެ ބައިން އަށް ވަނައަށް ޖެހިލައިފައެވެ. އޭރު ސީނިއާ ކެޓަގަރީއަށް ބަލާއިރު 17 އަހަރުން ދަށުގެ ބައިން ދީމާ ވަނީ ދުނިޔޭގެ 41 ވަނައަށް އަރައިފައެވެ. އެކަމަކު އެންމެ ފަހުން އޯގަސްޓަ މަހުގައި ނެރުނު ރޭންކިންގައިވާ ގޮތުން ދީމާ އޮތީ 15 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 11 ވަނައިގައެވެ. އަދި 17 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 53 ވަނައިގައެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެއަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފައެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ.