އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވާ މިއަދު މެންދުރުފަހު ފެނުނު، އުމުރުން 57 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި އަންހެނަކު ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފިއެވެ.
އެރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ޝައްކު ކުރެވޭ ދެ މީހުން މިއަދު ރައްޔިތުން ނުކުމެ، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ، ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފައިވަނީ މަހުމޫދު މަރާލިކަމުގެ ތުހުމަތުވާ ދެ ޒުވާނާއާ އެއް ގެއެއްގައި ދިރިއުޅޭ ތޮއްޑޫ އަންހެނެއް ކަމަށެވެ. އޭނާ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފައިވަނީ ރަށުގައި އިތުރު ހަމަނުޖެހުމެއް ހިނގައިދާނެތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަހުމޫދު މަރާލާފައި އޮއްވައި ފެނިފައިވަނީ ފަޅު ގެއެއްގެ ވަޅެއްގެ ތެރެއިންނެވެ. އޭނާ އޮތީ ބޮލާއި ފައިގައި ގޯންޏެއް އައްސައި، ބަނދެފައި އެކޮޅު ކޮޅުން ވަޅަށް ވައްޓާލައިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަހުމޫދުގެ ވައިނޮޅީގެ ދެ ފަޅިއަށް ދެ އިންޗި ފުޅާ ވަޅިއަކުން ހަމަލާދީފައިވެއެވެ. އަދި އޭނާގެ ބޮލުގެ އެކިތަންތަނަށް ވަޅިން ހަމަލާދީފައިވެއެވެ.
މަހުމޫދުގެ މަރު ފުލުހުންގެ ސީރިއަސް އޮގަނައިޒް ކުރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ޓީމަކުން ތަހުގީގުކުރަމުން އަންނައިރު، ތަހުގީގުގެ ބޭނުމަށް މަހުމޫދުގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު