ސާފް ޗެމްޕިއަންޝިޕް

މިއީ ތިންވަނަ ފަހަރަކަށް ނުވި، އެންމެ ބޮޑު ގޯހަކީ ތައްޔާރު ނުވެވުން!

މުހިންމު މުބާރާތަކާ ކުރިމަތިލާއިރު ކޮންމެ ޓީމެއް ވެސް ދުރާލައި ތައްޔާރީތައް ވާނެއެވެ. އަހަރެއްހާ ދުވަސް ކުރިން އެ މުބާރާތަކަށް ފޯކަސްކޮށްގެން ތައްޔާރުވާން ފަށާނެއެވެ. ހާއްސަކޮށް އަމިއްލަ ގައުމުގައި ކުޅޭ މުބާރާތެއް ނަމަ، ހޯމް އެޑްވާންޓޭޖުގެ ފައިދާ ނަގަން ފުރިހަމައަށް ތައްޔާރުވާނެއެވެ.

ކޮވިޑާ ގުޅިގެން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕު ފަސްކުރަން ޖެހުނު ހިސާބުން ވެސް، ރާއްޖެއިން ފުރިހަމަ ތައްޔާރީތައް ވެވިފައެއް ނުވެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުރިހާ ފޯކަސްއެއް ދިނީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބިޑުކުރުމަށެވެ. ބިޑް ކާމިޔާބުކުރެވުމާއެކު މަސައްކަތްކުރީ މޮޅު ބްރޭންޑިންއަށެވެ. ޓީމުގެ ތައްޔާރީތަކާ އުޅެވުނީ އޭގެ ފަހުންނެވެ. ކޮވިޑާ ގުޅިގެން ރާއްޖެ ލޮކްޑައުންގައި އޮތަސް، ގައުމީ ޓީމުގެ ފިޓްނަސްއަށް މަސައްކަތްތަކެއް ކުރެވޭނެއެވެ. ގައުމީ ޓީމަށް ހާއްސަ ފުރުސަތެއް ހޯދައިދޭން މަސައްކަތްކުރެވޭނެއެވެ.

ރަނގަޅު މެޗުތަކެއް ނުލިބުނު، އެކަމުގެ ގެއްލުން ދެއްކި!

ރާއްޖެއަށް ސާފަށް ތައްޔާރުވާން ފެށުނީ މުބާރާތް ފެށެން މަހަކަށް ވެފައި ވަނިކޮށެވެ. ޓީމަށް ދިވެހި ކޯޗިން ސްޓާފެއް އައްޔަންކޮށް، ކޯޗު އަލީ ސުޒޭނަށް ވެސް ޓީމު ތައްޔާރުކުރުމަށް ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. ވަގުތީގޮތުން ސުޒޭނާ ޓީމު ހަވާލުކުރީ ރާއްޖޭގެ ހެޑް ކޯޗުގެ މަގާމުގައި ކުރިން ހުރި މާޓިން ކޫޕްމަންގެ ކޮންޓްރެކްޓު އުވާލުމަށްފަހު އޮގަސްޓް މަހުގެ ތެރޭގައެވެ. އާ ކޯޗިން ސްޓާފަށް އެކަށީގެންވާ ވަގުތު ނުލިބުމަކީ ވެސް އުނދަގުލެކެވެ. އެ މުއްދަތުގެ ތެރޭގައި ކޯޗު ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެގެން ދުވަސްކޮޅަކަށް ޓީމާ ދުރަށް ދާން ވެސް ޖެހުނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފެށިގެން ވެސް ފެނިގެންދިޔައީ ޓީމުގެ ކުޅުންތެރިންގެ ގުޅުމުގެ މައްސަލައެކެވެ. ޓީމު އެކުލަވާލައި، ބައެއް އާ ކުޅުންތެރިންތަކާއެކު މުބާރާތަށް ނުކުންނަން ޖެހުމުން އެހެން ވެދާނެއެވެ. ކޮވިޑާ ގުޅިގެން ލީގު މެދުކަނޑާލައި، މުބާރާތްތައް ކެންސަލްކުރަން ޖެހުމަކީ ވެސް ކުރިމަތިވި ގޮންޖެހުމެކެވެ.

ރާއްޖެއަށް މުބާރާތަށް ތައްޔާރުވާން ފެށުން ލަސްކުރެވުމުގެ އިތުރުން ބޮޑު އެހެން މައްސަލައަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެއީ މުބާރާތުގެ ކުރިން ރަނގަޅު އެކުވެރިކަމުގެ މެޗުތަކެއް ނުލިބުމެވެ. ރާއްޖެއަށް ލިބުނު މެޗުތަކަކީ މުބާރާތަށް ގަތަރުގައި ކުރި ކޭމްޕުގެ ތެރެއިން އެގައުމުގެ ކްލަބުތަކާއެކު ކުޅެން ލިބުނު މެޗުތަކެވެ.

ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށި ހޯދައިދިނުމުގައި ދިވެހި ޓީމުގެ ޑިފެންސް ލައިނުގައި އިސް ދައުރެއް އަދާކުރި ސޮބާހު މުހައްމަދު (ސޮބާ) "ވަން"އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އެފަހަރުގެ ތަށި ހޯދުމަށް އޭރުގެ ކޯޗު ޖޯސެފް ޔަންކޭޒާއެކު ޓީމުން އަހަރެއް ކުރިން ވަނީ ބޮޑު ޕްލޭނެއްގެ ދަށުން ތައްޔާރީތައް ފަށައިފައެވެ.

"އަޅުގަނޑުމެން 2007 ގައި ތައްޔާރުވާން ފަށައިފިން 2008 ގައި އޮތް މުބާރާތަކަށް. ގާތްގަނޑަކަށް އަހަރެއް ކުރިން ތައްޔާރުވެ، ބައިވަރު ފްރެންޑްލީތައް ކުޅެ، ލީގުގައި ވެސް ކުޅެމުން އަންނަ ކުޅުންތެރިން ރަނގަޅަށް މޮނީޓާ ކުރެވި، އެކުޅުންތެރިންގެ ފިޓްނަސް އާއި، ކްލަބުތަކުގެ ކޯޗުންނާ ވާހަކަދެކެވި ވަރަށް ބޮޑު ޕްލޭނެއްގެ ދަށުން 2008 ގައި ނެގީ،" އޭނާ ބުންޏެވެ.

ސޮބާ ގަބޫލުކުރާ ގޮތުގައި އެވަރަށް ތައްޔާރުވެގެން ކުޅުންތެރިން ފިޓުކޮށް، އިތުބާރާ އެއްކޮށް ކާމިޔާބަށް ނުކުތުން ވަރަށް މުހިންމެވެ.

"އިރެއްގައި ސާފް ޗެމްޕިއަންޝިޕް ހޯދާފައިވިޔަސް، މި ހާލަތުގައި އެ ކުޅުންތެރިން ތިބީ ރަނގަޅު ކޮންޑިޝަންގައި ނޫން ކަމަށްވަންޏާ، ރާއްޖޭގައި ކުޅެފައި ކިތަންމެ ބާރަށް އަތް ޖެހިޔަސް އެހެން ނުވެދާނެ،" އޭނާ ބުންޏެވެ.

ބައެއް ކަންކަމުގައި އެންމެ ރަނގަޅަށް ތައްޔާރު ވެވިފައި ނުވާ ކަމަށް ގައުމީ ޓީމުގެ ކޯޗު ސުޒޭން ވެސް ގަބޫލުކުރެއެވެ. ނަމަވެސް މުބާރާތުން ބައެއް ޕޮޒިޓިވް ކަންތައްތައް ފާހަގަވި ކަމަށް ވެސް އިންޑިއާ މެޗަށް ފަހު ސުޒޭން ބުންޏެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން ޖާގަ ހޯދި އިންޑިއާ އާއި ނޭޕާލަކީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވި ދެ ޓީމެވެ. މުބާރާތުގެ ކުރިން އެ ދެ ޓީމު، އެއް ޓީމު އަނެއް ޓީމާ އެކުވެރިކަމުގެ ދެ މެޗެއް ވެސް ކުޅުނެވެ. އެހެންކަމުން އެ ތައްޔާރީތަކުގެ ފައިދާ ނޭޕާލާއި އިންޑިއާ އިން ނެގިއެވެ. އިންޑިއާ އާއި ނޭޕާލަކީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅެ ރާއްޖެ ބަލިކުރި ދެ ޓީމެވެ.

އިންޑިއާ މެޗުގައި ގިނަ ގޯސްތަކެއް!

ރާއްޖޭގެ ޓީމުން މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ވެސް އެއް ގޯހެއް ތަކުރާރުވާ ތަން ފެނުނެވެ. އެއީ ބޯޅަތައް ގެއްލުމެވެ. މިސް ޕާސްތައް ގިނަވުމެވެ. އެކަން އެންމެ ބޮޑަށް ފެނިގެންދިޔައީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗާއި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ނޭޕާލު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދެވަނަ ހާފު ފެނިގެންދިޔައީ މިސް ޕާސްތައް ގިނަ ހާފެއްގެ ގޮތުގައެވެ. ނޭޕާލުން ލަނޑު ޖެހީ ވެސް ރާއްޖޭގެ ގޯސްތަކެއްގެ ފައިދާ ނަގައިގެންނެވެ. ރާއްޖެ އަތުން ފުރަތަމަ ބޯޅަ ގެއްލުނީއެވެ. އޭރު ރާއްޖޭގެ އެންމެ ފަހަތަށް ކުޅޭ ކެޕްޓަން އަކުރަމް އަބްދުލްޤަނީ (އަކޫ) އާއި ސަމޫހު އަލީ (ސަމުއްޓޭ) ހުރީ ނޭޕާލުގެ ހާފުގެ ތެރޭގައެވެ. ނޭޕާލުގެ ކައުންޓާގައި ވެސް ފެނުނީ ރާއްޖޭގެ ޑިފެންސް ލައިނުގެ ގޯސްތަކެކެވެ.

ޖެހިގެން އައި ބަންގުލަދޭޝް އަދި ސްރީ ލަންކާ މެޗުތަކުގައި ވެސް އެފަދަ ގޯސްތަކެއް ފެނިގެންދިޔައެވެ. އެންމެ ބޮޑު އިމްތިހާނަކަށް ޖެހުނު އިންޑިއާ މެޗުގައި ދިވެހި ޓީމުގެ ގިނަ މިސް ޕާސްތަކެއް ފެނިގެންދިޔައެވެ. ރާއްޖޭގެ ކުޅުންތެރިންގެ އަތުން އެތައް ބޯޅައެއް ގެއްލުނެވެ.

އިއްޔެރޭ ކުޅުނު މެޗަށް ނުކުތް އިރު، ރާއްޖެއަށް އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތެވެ. ނަމަވެސް އިންޑިއާ ނުކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން، މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ލިބޭ ހިސާބުން ޕްރެސްކޮށްގެން ބޯޅަ ހޯދައެވެ. ފައުލުކޮށްގެން ވިޔަސް، އިންޑިއާ އިން މަސައްކަތްކުރީ ރާއްޖޭގެ ރޭވުންތައް ހުއްޓުވާށެވެ. އިންޑިއާގެ ކޯޗު ސްޓިމަކް އިގޯގެ ފަރާތުން ވެސް ފެނުނީ އެ މަންޒަރެވެ. ރޭގެ މެޗުގައި ދެ ރީނދޫ ކާޑާއެކު ދެއްކި ރަތް ކާޑާ ގުޅިގެން ފައިނަލު މެޗުގައި ބެންޗުން އޭނާ ނުވެސް ނުފެންނާނެއެވެ.

މިއީ އެފަހަރެއް ނޫން، ދެން ފަހަރަކުން!

ރާއްޖެއިން މުބާރާތަށް ނުކުތީ މިއީ ތިންވަނަ ފަހަރުގެ ގޮތުގައި ބަލައިގެންނެވެ. ތިންވަނަ ފަހަރަށް ސާފްގެ ތަށި ހޯދުމުގެ އަޒުމުގައެވެ. ސަޕޯޓަރުން ވެސް ތިބީ ތިންވަނަ ފަހަރެއްގެ އިންތިޒާރުގައެވެ. ނަމަވެސް މިއީ އެފަހަރަކަށް ނުވިއެވެ.

ރާއްޖެއަށް ދެން އޮތީ މުބާރާތުގައި ހެދުނު ގޯސްތައް ރަނގަޅުކުރުމެވެ. އެއީ އެންމެ މަހެއްގެ މަސައްކަތުން ވާނެ ކަމެއް ނޫނެވެ. ޓީމުގެ އެއް ކުޅުންތެރިޔަކަށް އަނެއް ކުޅުންތެރިޔާގެ ކުޅުން ރަނގަޅަށް ދަސްކުރަން ވަގުތު ބޭނުންވެއެވެ. ކޯޗަށް ވެސް ވަގުތު ބޭނުންވެއެވެ. އެފްއޭއެމުން ޓީމަށް ރަނގަޅު މެޗުތަކެއް ހޯދައިދޭން ޖެހެއެވެ.

ދެން މަސައްކަތްކުރަންވީ ކުރިއަށް އޮތް މުބާރާތަށެވެ. މި މުބާރާތަށް ފަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަކަށެވެ. އެ މުބާރާތް ރާއްޖޭގައި ހޯސްޓުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެ މުބަރާތަކީ ރާއްޖޭގެ ތިންވަނަ ފަހަރަށް ހަދަން ރަނގަޅު ޕްލޭނަކާއެކު ތައްޔާރުވާން ހިނގާށެވެ.