ބަންގާޅުގެ ވެރިމީހާގެ ފަރާތުން މިއަހަރުގެ ކޮޕްސަމިޓަށް މަޖިލިސް ރައީސް ދިއުން ގާނޫނުއަސާސީއާ ހިލާފު ކަމަށް އެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަަމަށް މޫސަ ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓްގައި މޫސަ ވިދާޅުވީ، ގާނޫނުއަސާސީ ބުނާގޮތުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެކިއެކި ފޯރަމް ތަކުގައި ސަރުކާރު ތަމްސީލު ކުރާކަށް ނުޖެހޭނެ އެވެ. މަޖިލިސް ރައީސް ތަމްސީލު ކުރައްވަން ވާނީ، ދުނިޔޭގެ ޕާލަމެންޓްތަކުގެ ޖަމިއްޔާ، އިންޓާ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) ފަދަ ޕާލިމެންޓާބެހޭ ކަންކަމުގައި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު، އދ.ގެ ކްލައިމެޓް ޗޭންޖު ކޮންފަރެންސް (ކޮޕް) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އޮތް ނިއުސްކޮންފަރެންސްގައިވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގެން ފުރަތަމަ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް އެމަނިކުފާނު ވަނީ ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ ކަަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުވެސް، ދިވެހި ސަރުކާރުވެސް މުޅި ދުނިޔެވެސް އަދި ރައްޔިތުންގެ މަޖިލިސް ވެސް މިހާރު އެންމެ ބޮޑަށް ތައްޔާރު ވަނީ ކޮޕް 24 ވަނަ ސަމިޓަށް ކަމަށެވެ.
އެ ސަމިޓަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށާއި، އެ ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބޮޑަށް ގެއްލުންތައް ދިމާވާ ގައުމުތަކަށް ވަރަށް މުހިއްމު ބަައްދަލުވުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މޫސުމާބެހޭ ގެއްލުންތައް ދިމާ ނުވާ ގައުމެއް މިހާރު ނެތް ކަމަށާއި، ރާއްޖޭގެ 90 ޕަސެންޓް ރަށްތަކަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި، ގެދޮރަށް ގެއްލުން ލިބޭ މިންވަރަށް ބައެއް ރަށްރަށަށް އެ މައްސަލަ ދިމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮޕް ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 އިން އަންނަ ނޮވެމްބަރު މަހުގެ 12 ގެ ނިޔަލަށެވެ.
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް