އަންނަ އަހަރު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ފާސްކުރީ އަންނަ އަހަރަށް އަމާޒުކޮށް އޮޑިޓާޖެނެރަލްގެ އޮފީހުން ކޮމިޓީއަށް ހުށަހެޅި ބަޖެޓާމެދު ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން އެ ބަޖެޓަށް ބައެއް ބަދަލުތައް ގެނައުމަށްފަހުގައެވެ.

އަންނަ 2022 ވަނަ އަހަރަށް ބޭނުންވެގެން އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅީ، ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 63 މިލިޔަން ރުފީޔާ އާއި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް ވޭނުންވާ 55 މިލިޔަން ފުރިޔާއާއެކު 118 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް އެ ބަޖެޓަށް ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ލަފައާއެކު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 60.3 މިލިޔަން ރުފީޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް 30 މިލިޔަން ރުފިޔާ ހިމެނުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، އޮޑިޓް އޮފީހުން ހުށަހަޅާފައިވާ ބަޖެޓަށް ކޮމެޓީން ގެނައި އިސްލާހާއެކު ފާސް ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.

އިލިޔާސް ހުށަހެޅުއްވީ، ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރަދުގެ ގޮތުގައި 60،315،293 ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ގޮތުން 30,000,000 ރުފިޔާއާއެކު 2022 ވަނަ އަހަަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފާސްކުރާ މުޅި ޖުމުލަ ބަޖެޓަކީ 90،315،293 ރުފިޔާ ކަމަށް ނިންމުމަށެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. އެ ހުށަހެޅުން ފާސްކޮށް އަންނަ އަހަރު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.