ރަސްމާލޭގައި ހިންގަން ރާވާފައިވާ ރެސިޑެންސީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޓަކައި އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.
މި ގަރާރު މަޖިލީހަށް ފޮނުއްވީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.
މި ގަރާރު އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމި ދާނެ ކަމަށެވެ.
އެ ގާނޫނާ ގުޅިގެން އަމަލުކުރަންވީ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮވެއެވެ.
އޭގައި ބަޔާން ކޮށްފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި މަޖިލިސް މެންބަރަކަށް ވެސް ނުވަތަ މަޖިލީހުގެ ރައީސްއަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.
އެފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެކަން މަޖިލީހުގައި އިއުލާނު ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި އެ ގަރާރު ދިރާސާ ކުރަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް ހަމަ އެ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް