އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ދިހަވަނަ މެޗުގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަކީ އިންޑިއާއި ރާއްޖެވެސް ލީގު ބުރުގައި ކުޅޭ އެންމެ ފަހު މެޗު. މެޗަކީ ދެޓީމަށްވެސް ފައިނަލެއް ފަދަ މެޗެއް. މިރޭގެ މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް ރާއްޖެ ފައިނަލަށް ދާނެ. އިންޑިއާއަށް ފައިނަލަށް ދެވެން އޮތީ އެންމެ ގޮތެއް. އެއީ ރާއްޖެ ބަލިކޮށް، ތިން ޕޮއިންޓު ހޯދައިގެން. ލީގު ބުރުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓު. މިވަގުތު ރާއްޖެ އޮތީ ދެވަނައިގައި. އިންޑިއާއަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓު. އެޓީމު އޮތީ ތިންވަނައިގައި. މިވަގުތު އެއްވަނައިގައި އޮތް ނޭޕާލަށް ވަނީ ފައިނަލް ޔަގީންވެފައި.

ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިންޑިއާގެ ސުނިލް ޗެތުރީ ހިމެނޭ. ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ އުމުރުން 36 އަހަރުގެ ދަގަނޑޭ. އޭނާ ވަނީ 85 މެޗުން 55 ގޯލު ކާމިޔާބުކޮށްދީފައި. ހަމަ އެފަދައިން އުމުރުން 37 އަހަރުގެ ޗެތުރީ އަކީ އިންޑިއާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ. ޗެތުރީ ވަނީ 123 މެޗުން 77 ގޯލު ކާމިޔާބުކޮށްދީފައި.

ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންނަކީ ޗެތުރީއާއި ދަގަނޑޭ. ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ 22 ގޯލު ޖަހާފައިވާ އިރު، ޗެތުރީ ވަނީ 15 ގޯލު ޖަހައިފައި. ދަގަނޑޭއާއި ޗެތުރީ ވަނީ މިހާތަނަށް މި މުބާރާތުގައިވެސް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައި.

މިރޭ ދަނޑުމަތިން އެ ދެކުޅުންތެރިންގެ ނުރައްކާ ފެނިގެންދާނެ.

ރާއްޖެއާއި އިންޑިއާއަކީ ސާފުގެ އެންމެ ކާމިޔާބު ދެޓީމު. އިންޑިއާއިން ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށް، ހަތަރު ފަހަރު ރަނަރަޕްކަން ހޯދާފައިވޭ. ރާއްޖެއިން ވަނީ ދެފަހަރު މުބާރާތް ކާމިޔާބުކޮށް، ޖުމުލަ ފަސް ފައިނަލެއްގައި ކުޅެފައި. ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި 2008 އަދި 2018 ގައިވެސް ތަށި ނެގީ ފައިނަލުގައި އިންޑިއާ ބަލިކޮށްފައި.

މުބާރާތުގެ ތާރީހުގައި އެންމެ ގިނަ މޮޅު ހޯދާފައި ވަނީވެސް އިންޑިއާއިން. އެޓީމުން ޖުމުލަ 34 މެޗުން މޮޅުވެފައިވޭ. އެ ލިސްޓުގެ ދެވަނައިގައި އޮތީވެސް ރާއްޖެ. ރާއްޖެ ވަނީ މުބާރާތުގެ ތާރީހުގައި 22 މެޗުން މޮޅުވެފައި. ސަރަހައްދީ ފުޓުބޯޅައިގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ވާދަވެރިކަމާ ގުޅޭގޮތުން މެޗުގެ ކުރިން ރާއްޖޭގެ ކޯޗު އަލީ ސުޒޭން ވެސް ވަނީ ވާހަކަ ދައްކާފައި.

"އިންޑިއާއަކީ މި ސަރަހައްދުގެ ހުރިހާ ޓީމަކުންވެސް އެންމެ ވާދަކުރަން ޖެހޭނެ ޓީމު. އިންޑިއާ އަތުން މޮޅުވެގެން ސާފް ޗެމްޕިއަންޝިޕް ހޯދޭނީ. އިންޑިއާގެ މައްޗަށް ހޯދާ ކާމިޔާބީއަކަށް ސާފް ޗެމްޕިއަންޝިޕް ބިނާވެފައި އޮންނަނީ. ރާއްޖެއިން އެންމެ ފަހުން ދެފަހަރުވެސް ފައިނަލުގައި ބަލިކުރަން ޖެހުނީ އިންޑިއާ. އެހެންވީމަ އިންޑިއާ ބަލިނުކޮށް، އެއްވެސް ގައުމަކަށް ސާފް ޗެމްޕިއަންޝިޕް ހޯދަން އުނދަގޫވާނެ. ރީޖަންގެ ކޮންމެ ޓީމަކުންވެސް އިންޑިއާއާ ދޭތެރޭ ވިސްނާނީ އެހެން،" ކޯޗު ސުޒޭން މެޗުގެ ކުރިން ބުނެފައިވެއެވެ.