ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމަށް، ޕޮލިސް ބޯޑުން ނިންމީ ޖަވާބުދާރީވުމަށް ފުރުސަތު ނުދީކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވައި ނުދީގެން ސިވިލްކޯޓުގެ ގާޒީ އަލީ އަބުދުﷲގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަަޅައިފިއެވެ.
ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކިކުރަން ޕޮލިސްބޯޑުން ނިންމައި އެކަން ތަންފީޒު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ހުށަހެޅީ ހުސްވި އޯގަސްޓް މަހުގެ ނުވަނަ ދުވަހުއެވެ. އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
އެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) ގެ އިތުރުން އިސްމާއިލް ޝަމީމް އާދަމާއި އަބްދުﷲ ޝަރީފު އަދި މުހައްމަދު ދާވޫދެވެ. ގާޒީ އަލީ އަބުދުﷲ ގެ މައްސަލަ ޖޭއެސްސީއަށްވެސް ހުށަހެޅުއްވީ މި ފަސް ބޭފުޅުންނެވެ.
އެބޭފުޅުން ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ވަނީ، މިމަހު ހަ ވަނަ ދުވަހު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އިރު އެ މައްސަލައަށް މައުލޫއީ ގޮތުން ކޯޓުން ގޮތެއް ކަނޑައަޅަންދެން އެބޭފުޅުންގެ ވަޒީފާއާބެހޭގޮތުން އިތުރު ފިޔަވަޅެއް ނޭޅުމަށް ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެ މައްސަލަ ހުށަހެޅި އިރު އޭގެ ތެރޭގައި ހިމެނޭ މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރަން ނޯޓިސް ދީފައިވާތީ އާއި ދެން ތިބި ތިން އޮފިސަރުންނަށްވެސް އެކަމުގެ ނޯޓިސް ދިނުމުގެ މަރުހަލާގައި އޮތުމުން ކަމަށްވެސް ބުނެފައިވެއެވެ.
"އެހެނީ މި މައްސަލައަކީ ވަގުތު ކަނޑައެޅިގެން ނިންމުން ތަންފީޒު ކުރެވޭގޮތަށް އޮތް މައްސަލައެއްކަމުގައި ވެފައި، މައްސަލައިގައި ޝަރީއަތުގެ ފައިސަލާއަށް އެދި ހުށަހަޅާފައި ވަނީ މި ދެންނެވި ނިންމުންތައް ތޯއުނުކޮށްކަމުގައިވާއިރު، އެ ނިންމެވުންތަކާމެދު ޝަރީއަތުގެ ނިޔާއެއް އައުމުގެ ކުރިން، އެނިންމުންތައް އެގޮތުގައި ތަންފީޒުވެގެން ދިއުމަކީ ހުށަހެޅިފައިވާ މައްސަލައިގެ މައުލޫއަށް ސީދާގޮތުން އަސަރުކުރާނެ ކަމެއް ކަމުގައި ވެގެންދާތީ،" ސިޓީގައިވެއެވެ.
އޭގެ އިތުރުން މައްސަލައިގެ ހައްސާސްކަން ބަޔާންކޮށް މައްސަލައިގެ އަވަސް އަޑުއެހުމެއް ބާއްވައިދެއްވުމަށް އެދި މައްސަލަ ރެޖިސްޓްރީ ކުރުމުގެ ކުރިންނާއި ރަޖިސްޓްރީ ކުރުމުގެ ފަހުންވެސް ސިޓީއަކުން ކޯޓަށް ހުށަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާނިމި މިމަހު 10 ވަނަ ދުވަހު ޝަރީއަތްކުރާ ސެކްޝަނަށް މައްސަލަ ތަހުވީލު ކުރުމުންވެސް އަޑުއެހުމެއް ބާއްވަން ދަންނަވަމުން ގެންދިޔަ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް މައްސަލަ ހުށަހެޅިއިރު އޮތް ހާލަތު ބަދަލުވެ، ފުރަތަމަ ނޯޓިސް ދިން ޖަމްޝީދާއި އަހުމަދު މުހައްމަދު މަގާމުން ވަކިކުރިއިރުވެސް އަޑިއެހުމެއް ބާއްވާފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެސިޓީގައި އިތުރަށް ބުނެފައިވަނީ އެ ދެ އޮފިސަރުން މިހާރު ވަކި ކޮށްފައިވާއިރު، ދެން ތިބި ތިން އޮފިސަރުންނަށްވެސް މިހާރު 10 ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށެވެ. އެ 10 ދުވަހުގެ މުއްދަތު މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރުވެސް، ގާޒީގެ އަމަލުތައް ހުރިގޮތުން ޝަރީއަތުގެ ދޮރު އެބޭފުޅުންނަށް ހުޅުވާލައި މައްސަލައަށް ގޮތެއް ކަނޑައެޅޭނެކަމަށް ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ.
ޝަކުވާއަކީ އެ ބޭފުޅުން ހުށަޅާފައިވާގޮތަށް ވަގުތީ އަމުރު ނެރެދިނުން ނޫން ކަމަށާއި ޝަކުވާއަކީ ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ކަނޑަނާޅައި ތާށިކޮށްފައި ބޭއްވުން ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ދެ އޮފިސަރުން ވަޒީފާއިން ވަކިކޮށް ތިން އޮފިސަރުންނަށް ވަޒީފާއިން ވަކި ކުރުމުގެ ނޯޓިސް ހަވާލުކުރުމުގެ ހާލަތު މެދުވެރިވެފައި ވަނީ ގާޒީ އަލީ އަބުދުﷲ އަމަލުކުރެއްވިގޮތުން ކަަމަށްވެސް އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު