ސޮފްޓްވެއާގެ ބަދަލުގައި، "އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސް ރިސޯސް ޕްލޭނިން" (އީއާރްޕީ) ބޭނުންކުރުމަށް އެމްޕީއެލް އިން ނިންމައިފި އެވެ.

އެމްޕީއެލް އިން މިއަދު ބުނީ އޮރަކަލްގެ އީއާރްޕީ ބޭނުންކުރަން ފެށުމާއެކު، އެ ކުންފުނިން ދެމުން އަންނަ ގިނަ ހިދުމަތްތަކެއް އޮޓޮމޭޓް ކުރެވި، ވަގުތު ސަލާމަތް ވެ، ހަރަދުގެ ގޮތުން ވެސް އެ ކުންފުންޏަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ހިދުމަތާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އޮރަކަލްގެ ފެންވަރު ރަނގަޅު އީއާރްޕީ ސޮފްޓްވެއާ ބޭނުން ކުރުމަށް ފެށުމާއެކު، އެ ކުންފުނިން މިހާރު މެނުއަލްކޮށް ދެމުން އަންނަ ގިނަ ހިދުމަތްތަކެއް މުޅިން އޮޓޮމޭޓް ވެ، އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ، "އޮރަކަލް" އަކީ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އޮރަކަލްގެ އީއާރްޕީ ސިސްޓަމްއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ވަރަށް ގިނަ ކުންފުނިތަކުން ބޭނުންކުރަމުން އަންނަ ސިސްޓަމެކެވެ.

އެމްޕީއެލްގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑް، އާދަމް ޝިފާން ވިދާޅުވީ އޮރަކަލްގެ އީއާރްޕީއާއެކު، އެ ކުންފުނީގެ ޒަމާނީ ވިޔަފާރީގެ މާހައުލަކަށް، އެމްޕީއެލް އިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ބައްޓަންވެގެންދާނެ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ބޭނުންކުރަމުންދިޔަ އީއާރްޕީ ސިސްޓަމްއަކީ ވަރަށް މެނުއަލްކޮށް ބޭނުންކުރަމުންދިޔަ ސިސްޓަމެއް. އަދި އެ ސިސްޓަމް މެއިންޓެއިން ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އަދި، އިތުރު ބަދަލެއް ގެންނަން ޖެހުނަސް އެއީ އުނދަގޫކަމެއް،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޮރަކަލް ސިސްޓަމްގައި، ކޮންމެ 90 ދުވަހަކުން އާ ފީޗާސްތައް ލިބޭނެ ކަމަށާއި އެހެންކަމުން، މި ސިސްޓަމާއެކު އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ޒަމާނީ ކުރެވޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

އޮރަކަލްގެ ހެޑް އޮފް އެޕްލިކޭޝަންސް ސޭޖް (SAGE)، އަހުމަދު ސަރްވާރް ވިދާޅުވީ އޮރަކަލްގެ އީއާރްޕީއާއެކު، އެމްޕީއެލްގެ އޮޕަރޭޝަންތައް ހަރުދަނާ ކުރެވޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލްކޮށް، ޒަމާނީކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަކީ އެމްޕީއެލް އަށްވެސް ލިބޭނެ އުފަލެއް ކަމަށް ވިދާޅުވި އެވެ.

އެމްޕީއެލް އިން ބުނީ ޕޯޓުތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ އޮރަކަލްއާއެކު، އޮރެކަލް ފިއުޝަން ކްލައުޑް އީއާރްޕީ ސިސްޓަމް ލައިވް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.