ދުނިޔެ

އަފްގާނިސްތާނުގެ އަންހެނުން ހިމާޔަތްކުރަން ވީ ވައުދާ ތާލިބާނުން ހިލާފު ވެއްޖެ: އދ

އަފްގާނިސްތާނުގެ އަންހެން ކުދިންނާއި އަންހެނުން ހިމާޔަތްކުރަން ތާލިބާނުން ވީ ވައުދާ ހިލާފުވަމުންދާ ކަމަށް އދ ގެ ޖެނެރަލް ސެކްރެޓަރީ އެންޓޯނިއޯ ގަޓަރޭޒް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ތާލިބާނުން އަފްގާނިސްނު ހިންގުމާ ހަވާލުވި ފަހުން އދ އާއިއެކު ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. އޭނާގެ ވާހަކައިގައި ވަނީ ތާލިބާނުން ވީ ވައުދު ފުއްދުމަށާއި، ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާއި ގާނޫނުތަކަށް ބޯލެނބުމަށް ބާރުއަޅުއްވައިފައެވެ.

އެންޓޯނިއޯ ގެ ވާހަކައިގައި އަފްގާނިސްތާނުގެ އިގުތިސޯދު ފުނޑުފުނޑުވިޔަ ނުދީ ހިފެހެއްޓުމަށް އަފްގާނިސްތާނަށް އެހީ ފޯރުކޮށްދިނުމަށް ދުނިޔެއަށް ވަނީ ގޮވާލައްވައިފައެވެ. އެންޓޯނިއޯގެ ވިދާޅުވީ އދ އިން އަފްގާނިސްތާނު ދޫކޮށްލާފައި ނުވާ ކަމަށާއި، ކަންކަން ގާތުން ބަލަމުން އަންނަކަން ފާހަގަކޮށް، އެގޮތުން ތާލިބާނާއި ކޮންމެ ދުވަހަކުވެސް މުއާމަލާތްތައް ކުރެވެމުން އަންނަނ ކަން ހާމަކުރައްވައިފައެވެ.

އޯގަސްޓުމަހުގެ މެދުތެރެއިން ފެށިގެން އަފްގާނިސްތާނަށް ތާލިބާނުން ވެރިވެ ސަރުކާރެއް ގާއިމުކޮށްފައިވީނަމަވެސް، ބައިނަލް އަގުވާމީ ގޮތުން އެއީ ސައްހަ ސަރުކާރެއް ގޮތުގައި އަދި ބަލައިގަނެވިފައެއް ނުވެއެވެ.

އެންޓޯނިއޯގެ ވާހަކައިގައި 2001 ވަނަ އަހަރުން ފެށިގެން އަފްގާނިސްތާނުގައި 300 މިލިއަން އަންހެން ކުދިން ސުކޫލުތަކަށް ވަދެފައިވާ ކަމަށާއި އަންހެން ކުދިން ތައުލީމު އުނގެނޭ އަދަދުތައް ހަ އަހަރުން 10 އަހަރަށް މަތިވެފައިވާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ތާލިބާނުން އަންހެން ކުދިންނަށް ވީ ވައުދުތައް ނުފުއްދާ ނަމަ އެއިން ކޮންމެ އަންހެން ކުއްޖެއްގެ އަދި އަންހެނެއްގެ ހުވަފެންތައް ވިއްސި ވިހާލިވެގެން ހިނގައިދާނެކަމުގައި ވެސް ވިދާޅުވިއެވެ.