ދުނިޔޭގެ ބީޗް ވޮލީ ފެޑަރޭޝަންގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.
ގްރާސާ އިއްޔެ ރާއްޖެ ވަޑައިގަތީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ. ގްރާސާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފާއި، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)އާއި އެ އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ އަޝްރަފްގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގްރާސާ ވިދާޅުވީ ރާއްޖޭގެ މަގުބޫލުކަމުގެ ތެރެއިން ބީޗުވޮލީ އަށް ފުރުސަތު ފަހިކުރެވޭނެ ކަމަށެވެ.
"ދުނިޔޭގެ އެންމެނަށް ރާއްޖެ އެނގޭނެ. ރާއްޖެ އަކީ ޓޫރިސްޓުންގެ ސެންޓަރެއް. އަަހަންނަށް ޔަގީން ވަނީ ޓޫރިސްޓުންނަށް ބީޗް ވޮލީބޯޅަ ކަމުދާނެ ކަން. އެސޯސިއޭޝަން އާއި އޮލިމްޕިކް ކޮމިޓީ އަދި އަހަރެމެން އެކުވެގެން މަސައްކަތް ކޮށްފިއްޔާ ތިނެއް ނޫނީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ވަރަށް ރަނގަޅު ބީޗް ވޮލީބޯޅަ ޓީމުތަކެއް އޮންނާނެ. އޭރުން ރާއްޖޭގެ މަންޒަރު ބީޗް ވޮލީގައި ބަދަލުވާނެ،" ގްރާސާ ވިދާޅުވިއެވެ.
ގްރާސާ އިތުރަށް ފާހަގަކުރެއްވީ މުސްތަގުބަލުގައި ރާއްޖޭގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ބާއްވައިފިނަމަ މަޝްހޫރު ގިނަ ކުޅުންތެރިން އަންނާނެ ކަމަށާއި، އެއީ ވިޔަފާރި މޮޑެލްއަކަށް ބަލާއިރުވެސް ރަނގަޅު ވާނެ ކަމެއް ކަމަށެވެ.
"އޮލިމްޕިކް ޗެމްޕިއަނުން ވެސް އަންނާނެ. އޭރުން ވާނެ ވަރުގަދަ މުބާރާތަކަށް. ކޮންމެ މީހަކުވެސް ރާއްޖެ އަންނަން މޯޓިވޭޓް ވާނެ. މުބާރާތް ބޭއްވުމަކީ ވިޔަފާރި މޮޑަލަށް ބަލާއިރު ވެސް ރަނގަޅު ކަމެއް،" ގްރާސާ ވިދާޅުވިއެވެ.
ގްރާސާގެ ދަތުރާ ގުޅޭ ގޮތުން ވީއޭއެމްގެ ރައީސް ރަނޭ ވިދާޅުވީ ދަތުރުގެ މައިގަނޑު ބޭނުމަކީ ބީޗް ވޯލީ ބޯޅައިގެ ވޯލްޑްވައިޑް ޑެސްޓިނޭޝަނަކަށް ރާއްޖެ ހަދަން ރާއްޖޭގައި ހުރި ފެސިލިޓީތަކާއި ޓޫރިސްޓް އޭރިއާ ތަކުގައި އެކަމަށް ހުރި ރިސޯސްތަކަކީ ކޮބައިތޯ ދެނެގަތުން ކަމަށެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ބީޗު ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތެއްވެސް ބާއްވާފައިވާއިރު، ރާއްޖެއިން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ބީޗު ވޮލީބޯޅައިން މެޑަލް ގެނެސްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު