ޚަބަރު

ނުރައްކަލުން ސަލާމަތް ވާން ނޫން ގޮތަކަށް ބަރުގޮނު ނޭޅޭނެ: ޓްރާންސްޕޯޓް

އަލީ ޔާމިން

1

އެއްގަމު އުޅަނދު ދުއްވާއިރު ބަރުގޮނު އަޅަން ޖެހޭނީ ނުރައްކަލަކުން ސަލާމަތް ވާން އެކަނި ކަމަށް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އާންމުކުރި ގަވައިދުގައި ބުނީ، މިސްކިތްތަކާއި ސުކޫލްތަކާއި ކޮލެޖްތައް ހުންނަ ސަރަހައްދުތަކުގައި ބަރުގޮނު އެޅުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ގަވައިދުގައި ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކުރެވިފައިވާ އުޅަނދުތައް ފިޔަވައި ދެން ދުއްވާ އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަން ވާނީ އެ އުޅަނދު އުފެއްދިއިރު ހަރުކޮށްފައި ހުންނަ ބަރުގޮނު ކަމަށާއި އެހެން ވައްތަރުތަކުގެ ބަރުގޮނު ހަރުކޮށް ނުވަތަ ބަރުގޮނު މޮޑިފައި ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ސައިކަލް ދުއްވާއިރު، އަތުން މޯބައިލް ފޯނު ހިފެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި ފަހަތުގައި އިންނަ މީހާ ލައްވައި ކަންފަތުގައި ޖައްސައިގެން ވާހަކަ ދެއްކުމަކީވެސް މަނާ ކަމެއް ކަމަށް އެ ގަވައިދުގައިވެއެވެ. އެގޮތުން އެފަދަ މީހުން ފުރަތަމަ ފަހަރުވެސް 500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާކޮށް 48 ގަޑިއިރަށް ލައިސަންސް ހިފަހައްޓާނެއެވެ. ދެފަހަރަށް ވުރެ ގިނައިން ތަކުރާރު ވާ ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކޮށް 48 ގަޑިއިރަށް ލައިސަންސް ހިފަހައްޓާނެއެވެ.

ގަވައިދުގައިވާ ގޮތުން ނުރައްކާތެރި ގޮތެއްގައި އެއްގަމު އުޅަނދު ދުއްވުމުގެ ކުށް ތަކުރާރު ކުރާނަމަ 6،000 ރުފިޔާގެ ބޮޑު ޖޫރިމަނާއަކާއެކު އެއް އަހަރު ދުވަހަށް ލައިސަންސް ހިފަހެއްޓުމުގެ ބާރު މިނިސްޓްރީއަށް އޮވެއެވެ.

ގަވައިދުގައި އިތުރަށް ބުނީ، ދުއްވަމުންދާއިރު އުޅަނދު ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާވެސް އެއްވެސް ވައްތަރެއްގެ ދުންފަތުގެ އިސްތިއުމާލެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.