އޭނާގެ ޖިންސީ ގުނަވަން ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށްވެސް ފެނިފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް މިހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރައަކަށް ވާފަދަ އަމަލެއް ނާޒިލް ކުރެއްވި ކަމަށް ތުހުމަތު ކޮށް، އެމައްސަލަަ ބަލައިދިނުމަށް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަދައްކަވަމުންނެވެ.
ވާހަކަތައް ފެތުރިފައިވާ ގޮތުގައި އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން ނާޒިލް ޖިންސީ ފުރައްސާރައަކަށްވާ ފަދަ އަމަލެއް ކުރައްވައި އޭނާގެ ކުރިމަތި ފަރާތަށް އިޝާރާތްކޮށް "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނާޒިލް އެގޮތަށް ޖިންސީ ފުރައްސާރަކުރުމުން އެ މައްސަލަ ބަލައިދޭން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" ހުސްވި ހަފުތާގައި ވިދާޅުވީ މެންބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި މެންބަރުން ހުށަހަޅުއްވާ މައްސަލަތައް އޮންނަ އުސޫލުން ބަލަމުން ގެންދާނެ ކަމަށެވެ.
ވާހަކަ ފެތުރިފައިވާ ގޮތުގައި، ނާޒިލް ޖިންސީ ފުރައްސާރައިގެ އަމަލެއް ހިންގާފައި މިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް، ވޯޓް ފޮއްޓެއް ކައިރީ ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުން އެކަމާ ހިތްހަމަޖެހިވަޑައި ނުގެންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ނާޒިލް ވާދަ ކުރެއްވިއެވެ. ނަމަވެސް އެ އިންތިހާބުގައި އޭނާގެ މައްޗަށް ކުރި ހޯއްދެވީ އައްޑޫ މޭޔަރު އަލީ ނިޒާރުގެ ކޮއްކޮ އަންސާރު މޫސާ އެވެ. އެ އިންތިހާބުގައި އަސްލަމް ތާއީދު ކުރެއްވީ އަންސާރަށެވެ.
މިކަމާ ގުޅިގެން އަސްލަމް "ވަން" އަށް އެދުވަހު ވިދާޅުވީ، މިވަގުތަށް އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރިއަށްދިޔަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، ހުސްވި ހަފުތާ ނިމިގެން ދިޔައިރު އެކި ގޮތްގޮތުން އޭނާގެ ވާހަކަ ވަރަށް ދިގުކޮށް ދެކެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ޖިންސީ ގުނަވަން މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެއްވެސް ފިރިހެން ބެންބަރަކަށް ފެނިވަޑައި ނުގަންނަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މިތިބި މެންބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށްވެސް ފެނިފަ ނޯންނާނެކަން އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އެ ޔަގީންކަން އަރުވަން،" މެންބަރު ނާޒިލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، އައްޑޫގައި ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން މިދިޔަ ހަފުތާގައި އުޅުނު މައްސަލައެއްގައިވެސް ނާޒިލްގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާގުޅިގެން ނާޒިލް ވިދާޅުވީ، އޭނާއަކީ ދުވަހަކުވެސް މީހުންގެ މުދަލަށް އަނިޔާދީ މީހުންގެ ޖިސްމަށް ގެއްލުންދީ މީހުން މަރަން ގޭންގު ހަދައިގެން އުޅޭ މީހެއް ނޫން ކަމަށެވެ.
"އަޅުގަނޑަކީ އެކަހަލަ ކަންތަކުގައި އުޅޭ މީހެއް ނޫން އެކަހަލަ ކަންތަކަށް ހިތްވަރުދޭ މީހެއްވެސް ނޫން އަދި އެކަހަލަ ކަންތަކުގައި ކުރިއަށް އޮތްތަނުގައިވެސް އުޅޭނެ މީހެއްވެސް ނޫން އެ ޔަގީންކަންވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ދެން،" ނާޒިލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް