ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގައި ރެޖިސްޓްރީކޮށްފައިވާ ގޭބީސީތަކުން ކުނި ނުނަގައި ހުންނަ ނަމަ އެކަން ސަމާލުކަމަށް ގެނައުމަށްޓަކައި މެސެޖުކޮށް، ވެމްކޯއަށް އެކަން އަންގަން ބޭނުން ކުރާނެ ނަމްބަރެއް އެ ކުންފުނިން ތައާރަފު ކޮށްފިއެވެ.
ވެމްކޯ އިން ތައާރަފްކުރި ހޮޓްލައިން ނަންބަރަކީ 7998047 އެކެވެ. ކުނި ގެންދިއުމުގެ އެއްވެސް މައްސަލައެއް އޮތް ނަމަ އެ ނަމްބަރަށް ވައިބަރު މެދުވެރިކޮށް އެންގުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
ވެމްކޯގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން އޮފިސަރު އަހުމަދު އާޒިމް މިރޭ "ވަން" އަށް ވިދާޅުވީ މިއަދު ތައާރަފުކޮށްފައިވާ ވައިބާ ނަމްބަރަކީ ވެމްކޯގެ ކަސްޓަމަރުން މެސެޖް ކޮށްގެން ހިދުމަތް ހޯދޭނެ ނަމްބަރެއް ކަމަށާއި އަދި މިއީ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަ ކުރުމަށްޓަކައި ތައާރަފުކުރި ނަމްބަރެއް ކަމަށެވެ.
އެގޮތުން ފޭސްބުކް އާއި ޓްވީޓާގެ އިތުރުން ވައިބާ މެދުވެރިކޮށް މެސެޖު ކޮށްގެން ކަސްޓަމަރުންގެ ސުވާލުތަކަށް ރަސްމީ ގަޑީގައި ޖަވާބު ހޯދޭނެ ކަމަށާއި އޭގެ އިތުރުންވެސް ކޯލް ސެންޓަރު މެދުވެރިކޮށް، 1666 އަށް ގުޅައިގެން ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 11:30 އަށް ހިދުމަތްތަކާ ގުޅުންހުރި ކަންކަން އޮޅުންފިލުވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ ހިދުމަތާ ގުޅުންހުރި ކަންކަން އޮޅުންފިލުވުމަށްޓަކައި މެސެޖު ކުރާއިރު، ގޭގެ ނަމާއި ފްލޯ އަދި އެޕާޓްމެންޓް ނަމްބަރު އެނގޭނެހެން މެސެޖު ކުރުމަށް ވަނީ އެދިފައެވެ. އޭގެ އިތުރުންވެސް އައިޑީކާޑު ނަންބަރާއި ގުޅޭނެ ނަމްބަރެއްގެ އިތުރުން ވެމްކޯ އެކައުންޓް ނަންބަރު ހިމެނުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.
ގޭބިސީތަކުގެ ވަކިވަކި ފަންގިފިލާއިން ކުނި ނަގަން ވެމްކޯއިން އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ހިދުމަތް ދޭނީ ހަމައެކަނި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
ނަމަވެސް ރެޖިސްޓްރީ ނުކޮށް ބައެއް ފަރާތްތަކުން ކުނި ނެރެމުންދާ ކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ވަނީ މިހާރު ރެޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރީ ކުރުމަށާއި މަގުތަކަށް ކުނި ނުނެރުމަށް އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު