މާލޭގައި ފެންބޮޑުވާ ހިސާބުތައް ހޯދައި، ފެންބޮޑުވާ މިންވަރުގެ އެކި ކަހަލަ ސާވޭތައް ހަދައި، އެ ފެން ބިމު އަޑީގައި ރައްކާ ކުރުމަށް ޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިން ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓުގެ ދަށުން ޑިވެލޮޕް ޑިޒައިން އެންޑް ޕްރިޕެރޭޝަން އޮފް ޓެންޑާ ޑޮކިއުމަންޓްސް ފޯ މާލެ ސްޓޯމްވޯޓާ މެނޭޖްމަންޓް ގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކޮންސަލްޓަންސީގެ މައިގަނޑު މަގުސަދަކީ، މާލޭގައި ފެންބޮޑުވާ ހިސާބުތައް ހޯދައި، ފެންބޮޑު ވާ މިންވަރު އެކި ކަހަލަ ސާވޭތައް ހަދައި، މި ފެން ބިމު އަޑީގައި ރައްކާ ކުރުމަށް ޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިން ކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިމަސައްކަތުގެ މުއްދަތަކީ ހަ މަސް ދުވަސް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ޖެހެ އެވެ.

މިކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ގެ ކުރިން ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އަށް ވަނަވަރާއި އަދި މިކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުން ހުށަހަޅާން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.