ޚަބަރު

އުނގޫފާރު މަގުތަކުގައި ތާރު އަޅައި ނިންމާލައިފި

ރިފާ ހަލީލު

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން އެރަށު މަގުތަކުގައި ތާރު އަޅައި ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާއިރު ޖުމުލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތާރު އަޅައި ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، 16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އުނގޫފާރު ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. މި މަޝްރޫއުއަކީ 28.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.