އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗަށް އިތުރަށް ވިއްކާ 1000 ޓިކެޓު ގަތުމަށް ސޯޝަލް ސެންޓަރުގައި ގިނަ ބަޔަކު ކިޔޫ ޖައްސައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން މިއަދު އިތުރު 1000 ޓިކެޓެއް އާންމުންނަށް ވިއްކާ ގޮތަށް ހަދާފައި ވަނީ ޓިކެޓު ނުލިބުމުގެ މައްސަލައިގައި ގިނަ ބަޔަކު އަޑު އުފުލައި، މުޒާހަރާ ކުރަމުންދާތީއެވެ.

މާދަމާ ހަވީރު 4:00 ގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗުގެ ޓިކެޓު ގަތުމަށް މިއަދު ހެނދުނުން ފެށިގެން ގިނަ ބަޔަކު ވަނީ ކިޔޫގައި ޖެހިފައެވެ. އެފްއޭއެމުން މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖައްސާފައި އޮތީ މިއަދު ހެނދުނު 10:00 އިން ފެށިގެން މިރޭ 11:00 އަށެވެ.

ގިނަ ވަގުތު ކިޔޫގައި ތިބި މީހުންނަށްވެސް ޓިކެޓު ނުލިބުމުން ދަނޑުކައިރީގައި ގިނަ ބަޔަކު ވަނީ މިއަދު ހެނދުނު އިހުތިޖާޖު ކޮށްފައެވެ. އިހުތިޖާޖުގައި ތިބި މީހުން ދިޔައީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.

އެކަމާ ގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޯމް ޓީމަށް ކަނޑައަޅާފައިވާ ޓިކެޓުގެ ތެރެއިން 2500 ޓިކެޓަކީ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކުގެ އިތުރުން އެފްއޭއެމްގެ ސްޕޮންސަރުންނަށް ވިއްކާ ޓިކެޓުތައް ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ދަނޑަށް ވަންނަން ބޭނުންވެ، ޓިކެޓު ނުލިބި ކަންބޮޑުވެފައިވާތީ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކްލަބުތަކާއި ކުޅުންތެރިންގެ އާއީލާ އަދި ސްޕޮންސަރުންނަށް ވިއްކާ ޓިކެޓުގެ ތެރެއިން 1000 ޓިކެޓު ވިއްކަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

އެ 1000 ޓިކެޓު ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ. އެ ޓިކެޓުތައް ވިއްކާނީ މީހަކަށް ޓިކެޓެއްގެ މަގުންނެވެ. އެހެންވެ މިއަދު ހަވީރުއްސުރެ ގިނަ ބަޔަކު ވަނީ ޓިކެޓް ގަތުމަށް ސޯޝަލް ސެންޓަރުގައި ގިނަ ބަޔަކު ކިޔޫ ހަދައިފައެވެ.

މީގެ ކުރިން ރާއްޖެ އާއި ބަންގުލަދޭޝް މެޗަށް ޓިކެޓު ވިއްކި އިރުވެސް ވަނީ ދަނޑުކައިރީގައި އިހުތިޖާޖު ކޮށްފައެވެ. ނަމަވެސް އެފަހަރު އިހުތިޖާޖުކޮށް ނުރުހުން ފާޅުކުރީ ބަންގުލަދޭޝްގެ ސަޕޯޓަރުންނެވެ. އެމީހުންގެ ޝަކުވާއަކަށް ވީ 5000 ޓިކެޓުގެ ތެރެއިން ބަންގުލަދޭޝް ސަޕޯޓަރުންނަށް 200 ޓިކެޓު ވިއްކުމެވެ. ނަމަވެސް ސާފުގެ އުސޫލުގައިވާ ގޮތުން ހޯމް ސަޕޯޓަރުންނަށް ގިނަ ޓިކެޓު ހާއްސަކުރަން ޖެހެއެވެ