މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ތަފާތު ކަންތައްތަކެއް ފެނިގެންދާ މުބާރާތެކެވެ. މުބާރާތުގެ ފޯމެޓު ވެސް ތަފާތެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. މީގެ ކުރިން ލީގު އުސޫލުން ކުރިއަށްގެންދިޔަ ހަމައެކަނި މުބާރާތަކީ 1993 ވަނަ އަހަރު ބޭއްވި ސާފްގެ ފުރަތަމަ މުބާރާތެވެ. ޖުމުލަ ހަތަރު ޓީމެއް ވާދަ ކުރި އެ މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ.
މީގެ ކުރިން ސާފް ޗެމްޕިއަންޝިޕްގައި އެކި ޓީމުތައް ފެންނަނީ އެކި ފެންވަރުގައެވެ. ބައެއް މެޗުތަކުން ތަފާތު ބޮޑު ނަތީޖާތައް ފެނެއެވެ. ރާއްޖެއިން ވެސް ވަނީ ބައެއް މެޗުތަކުން ތަފާތު ބޮޑު ނަތީޖާތަކުން އިދިކޮޅު ޓީމުތައް ބަލިކޮށްފައެވެ. އެގޮތުން ރާއްޖެއިން ވަނީ 2013ގެ ސާފް ޗެމްޕިއަންޝިޕުގައި 10-0 ގެ ނަތީޖާއަކުން ސްރީ ލަންކާ ބަލިކޮށްފައެވެ. އެ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހަ ލަނޑު ޖަހައިފައެވެ.
މީގެ ކުރިން ބައެއް މުބާރާތްތަކުގެ ފައިނަލު މެޗުތަކުން ވެސް ވަނީ ތަފާތު ބޮޑު ނަތީޖާތައް ނުކުމެފައެވެ. ސާފް ޗެމްޕިއަންޝިޕް 1997ގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ވަނީ 5-1ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
މިފަހަރުގެ މުބާރާތަށް ކުރިމަތިލީ އިރު، ރާއްޖޭގައި މުބާރާތް ބާއްވާތީ އާއި ރާއްޖެއަކީ އެންމެ ފަހުގެ ޗެމްޕިއަނަށްވާތީ ދިވެހި ޓީމަކީ މުބާރާތުގެ ފޭވަރިޓެކެވެ. އޭގެ އިތުރުން ހަތް ފަހަރުގެ ޗެމްޕިއަން އިންޑިއާއަކީ ވެސް ފޭވަރިޓެކެވެ. ނަތީޖާތަކާއި ކުޅުމަށް ބަލާއިރު، އެ ދެ ފޭވަރިޓުންނަށް ނޭޕާލާއި ބަންގުލަދޭޝް އަދި ސްރީ ލަންކާ ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ.
ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖެ ވަނީ އަމިއްލަ ދަނޑުގައި 1-0ގެ ނަތީޖާއަކުން ބަލިވެފައެވެ. ރާއްޖެއަށް ހަމަ ނޭވާއެއް ލެވުނީ ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި 2-0ގެ ނަތީޖާއަކުން ހޯދި މޮޅުންނެވެ. އިންޑިއާ އިން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ އެއްވަރު ވެފައެވެ. ފުރަތަމަ މެޗުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ބަންގުލަދޭޝް އިން 1-1ގެ ނަތީޖާއަކުން އެއްވަރުވި އިރު، ލަންކާ އަތުން ވެސް އިންޑިއާއަށް ހޯދުނީ އެންމެ ޕޮއިންޓެކެވެ. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ފިޔަވައި އެހެން އެއްވެސް ޓީމަކަށް މިހާތަނަށް ދެ ލަނޑުގެ ލީޑަކުން ކުރި ހޯދިފައެއް ނުވެއެވެ. އެހެން މެޗުތައް ނިމިގެންދިޔައީ އެއްވަރުވެ ނުވަތަ އެއް ލަނޑުގެ ފަރަގެއްގައި އޮވެގެންނެވެ. ފުޓުބޯޅައިގައި އަޑި އަޅާލާފައިވާ ލަންކާ އިން ވެސް މިފަހަރުގެ މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކައެވެ. ވަރުގަދަ އިންޑިއާ ހިފެހެއްޓި ލަންކާއަށް ހޯދިފައި ނުވަނީ މޮޅެކެވެ. އޭގެ އިތުރުން ނޭޕާލާއި ބަންގުލަދޭޝް ފާހަގަކޮށްލެވެނީ ސަޕްރައިޒިން ޓީމުތަކުގެ ގޮތުގައެވެ.
ފައިނަލަށް ދިއުމަށް ސާފްގެ އެންމެ ވާދަވެރި ރާއްޖެ އާއި އިންޑިއާއަށް އޮތީ ވަރަށް އުނދަގޫ ރާސްތާއެކެވެ. އެ ދެ ޓީމުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ކުރިއަށް އޮތް ދެ މެޗުން މޮޅުވުން މަޖުބޫރެވެ. އެހެން ނޫން ނަމަ، އެ ފުރުސަތު ބަންގުލަދޭޝާއި ނޭޕާލަށް ލިބުން ގާތެވެ.
ރާއްޖެއާއި އިންޑިއާ ބައްދަލުކުރަން ޖެހޭ މެޗު ވެސް އަދި އޮތީ ކުރިއަށެވެ. އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ އެ މެޗު ވެގެންދާނީ އެ ދެ ޓީމުގެ ވަރުގަދަ ހަނގުރާމައަކަށެވެ. ނަމަވެސް އޭގެ ކުރިން މިއަދު ހަވީރު ރާއްޖެއިން ލަންކާ އަތުން މޮޅުވާން ޖެހޭނެ އެވެ. އަދި މިރޭ އިންޑިއާ އިން ނޭޕާލު އަތުން މޮޅުވާން ޖެހޭނެއެވެ.
މުބާރާތުގެ ފައިނަލުގެ ޖާގަތައް ފަހު ވަގުތު ކަށަވަރުވުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ. މިހާތަނަށް ޓީމުތަކުން ދެއްކި ކުޅުމަށް ބަލާ ނަމަ، ހުރިހާ ޓީމަކަށް ވެސް ފައިނަލުގެ ޖާގައެއް ހައްގެވެ. މެޗުތަކުގައި ރަތް ކާޑުތަކަކާއި ޕެނަލްޓީތައް ވެސް ފެނިގެން ހިނގައްޖެއެވެ. ފުރަތަމަ މެޗުގައި ހޯމް ސަޕޯޓަރުން މާޔޫސް ކޮށްލި މަންޒަރު ފެނިއްޖެއެވެ. ކުޅުންތެރިޔަކު މަދުކޮށް، ވަރުގަދަ އިންޑިއާ ކޮޅަށް ބަންގުލަދޭޝް އިން ލަނޑު ޖަހައި ޕޮއިންޓެއް ހޯދި މަންޒަރު ވެސް ފެނިއްޖެއެވެ. ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު)ގެ އޯވަހެޑް ގޯލު ވަރަށް ވެސް ހިތްގައިމެވެ. ޝައުގުވެރި އަދި ވަރަށް ވާދަވެރި މުބާރާތެކެވެ. ޕްރެޑިކްޓް ކުރަން އުނދަގޫ މުބާރާތެކެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް