މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދި އެޕާޓީގެ އަންހެނުންގެ ވިންގުގެ ލީޑަރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންތިހާބުކޮށްފިއެވެ.
އެ ދެ ބޭފުޅުން މަގާމަށް އިންތިހާބު ކޮށްފައިވަނީ، އެމްއެންޕީ އުފެއްދުމަށް މިއަދު ބާއްވަމުންދާ ބައްދަލުވުމުގައި ޕާޓީގެ އިންޓަރިމް އެގްޒެކްޓިވް ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައެވެ.
އެ ބައްދަލުވުމުގައި މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށާއި އަންހުންނަށް ހާއްސަކޮށްފައިވާ ނާއިބު ރައީސްކަމުގެ މަގާމަށާއި އަންހެނުންގެ ވިންގުގެ ލީޑަރާއި ޒުވާނުންގެ ވިންގުގެ ލީޑަރުގެ އިތުރުން ކައުންސިލުގެ މެންބަރު ކަމަށް 14 މެންބަރަކާއި އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މެންބަރުން ވަނީ ހޮވައިފައެވެ.
މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ ޝިދާތާގެ ޓީވީ ޕްރެޒެންޓަރު އަހުމަދު އަނޫޝްއާއި މުހައްމަދު ސައީދެވެ. ޖުމުލަ 276 މެންބަރުން ވޯޓުލީ އިންތިހާބުގައި ޝިދާތާއަށް ލިބިވަޑައިގެންނެވީ 136 ވޯޓެވެ. އަނޫޝްއަށް 118 ވޯޓު ލިބުނު އިރު، މުހައްމަދު ސައީދަށް ލިބުނީ 21 ވޯޓެވެ.
އެމްއެންޕީގައި ހަ ނާއިބު ރައީސުން ތިއްބަވާނެއެވެ. އިންތިހާބަކާ ނުލައި، ހަތަރު ނާއިބު ރައީސުން ވަނީ އިންތިހާބުކޮށްފައެވެ. އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލް، މެދު ރީޖަންގެ ނާއިބު ރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަދި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދެކުނު ރީޖަނަށް އަހުމަދު ޝަރީފެވެ.
އަންހެނުނަށް ހާއްސަކުރި މަގާމަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މިރްފަތު އިސްމާއީލް ޝަފީގާއި އާއިޝަތު ހުސައިން މަނިކެވެ. މިރުފަތަށް 203 ވޯޓު ލިބިވަޑައިގެންނެވި އިރު، އައިޝަތު ހުސައިން މަނިކަށް ލިބިވަޑައިގަތީ 45 ވޯޓެވެ.
އަންހެނުންގެ ވިންގުގެ ލީޑަރަކަށް ދުންޔާ އިންތިހާބުވެ ވަޑައިގަތީ 207 ވޯޓުންނެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވި އައިޝަތު އަބްދުﷲ އަށް 43 ވޯޓު ލިބިވަޑައިގެންނެވި އިރު، އާއިޝަތު ހުސައިން މަނިކަށް ލިބިވަޑައިގަތީ 11 ވޯޓެވެ.
ޒުވާނުންގެ ވިންގުގެ ލީޑަރަކަށް އިންތިހާބުކޮށްފައިވަނީ އުމައިރު އަހުމަދެވެ. އުމައިރު އިންތިހާބު ކާމިޔާބު ކުރީ 143 ވޯޓުންނެވެ. އުމެއިރުއާ ވާދަކުރި އިރުފާނަށް 29 ވޯޓް އަދި އިސާމަށް 85 ވޯޓު ވަނީ ލިބިފައެވެ.