ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފަތުރައި، ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހެޔޮބަސް ބުނުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހުތުބާގައި ބުނީ، ހެޔޮ ބަހެއް ބުނުމަކީ މާތް ﷲ ހަނދުމަކުރުމާއި ތަހުލީލާއި ތަހުމީދާއި ތަސްބީހަ ކިޔުން ކަމަށާއި އެއީ ފައިދާކުރަނިވި އިލްމެއް ފެތުރުމާއި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކޮށް، މީސްތަކުންނަށް ނަސޭހަތް ދިނުމާއި ސީދާ މަގަށް މަގު ދެއްކުން ކަމަށެވެ.
އަދި ނުބައި ބަސްތަކުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދި، މީހުންނަށް މަގު އޮޅި، އެކަކު އަނެކަކާ ޖެހި، މޫނުކެނޑޭނެ ކަމަށާއި މީހުން މަގުފުރެދި، ހައްގުގެ މަގަށް ހުރަސް އެޅޭނެ ކަމަށްވެސް ބުންޏެވެ. އަދި ބުނީ، ނުބައި ބަސްތައް ބުނުންފަދަ ނޭދެވާ އަމަލުތައް ދިވެހި މުޖުތަމައުން ފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.
ހުތުބާގައި ބުނީ، ހެޔޮބަހުން އެ ބަޔަކާ މުއާމަލާތް ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިންބަފައިންވާ ކަމަށާއި އެމީހުންނާ މުހާތަބު ކުރާ އިރު، ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށެވެ.
ހަމައެފަދައިން ދެމަފިރިންވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަން ޖެހޭނީ ރިވެތި އަދި އޯގާތެރި ބަހުން ކަމަށް ހުތުބާގައި ބުންޏެވެ.
އެގޮތުން އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަ ދައްކައި، އެކަކު އަނެކަކު ހިތުގައި ޖައްސައި، އެދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެން ނުވާނެ ކަމަށާއި އެެއީ ޒަވާޖީ ހަޔާތަކީ ލޯތްބާއި އޯގާވެރިކަމުގެ މަތީގައި ބިނާވެފައި އޮންނަންޖެހޭ މުގައްދަސު ގުޅުމެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ މުސްލިމެއްގެ ހަޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެން ނުވާ ކަމަށާއި އޭނާގެ މުޅި ހަޔާތް ބިނާކުރަން ޖެހޭނީ ހެޔޮ ކަންތައް ކުރުމާއި ހެޔޮ ބަސްތައް ބުނުމުގެ މަތީގައި ކަމަށެވެ. އަދި ހެޔޮ ބަހުގެ ސަބަބުން ސަފުތައް ސީދާވެ، މީސްތަކުން އެއްގަލަކަށް އަރާފައިވާ ކަމަށާއި ހިތްތައް އެކުވެރިވެ، ހަތުރުން އެކުވެރިންނަށް ބަދަލުވެފައިވާ ކަމަށް ބުންޏެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ