ޚަބަރު

އަތޮޅުތެރެއަށް ބޭނުންވާ 20 އެމްބިއުލާންސް ގެެނެސްފި، އަހަރު ނިމުމުގެ ކުރިން އިތުރު 40 އެމްބިއުލާންސް ގެންނާނެ

އަލީ ޔާމިން

އަތޮޅުތެރެއަށް ފޮނުވަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު އިއްޔެ މީޑިއާތަކަށް ވިދާޅުވީ، އެސްޓީއޯއާ ހަވާލުކޮށްގެން ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވާ ކަމަށާއި ކުރިއަށް އޮތް މަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށެވެ.

އަދި އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ގެނައުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބާކީ 36 އެމްބިއުލާންސް ރާއްޖެ ގެނެވޭނެއިރެއް އަދި ނޭނގެއެވެ.