އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކަކީ އެމްޑީޕީއަށް ލިބޭ ޝަރަފެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރުވާފައިވާތީ، އެމަނިކުފާނަށް އެމްޑީޕީއިން މަރުހަބާ ކިޔައި މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެމަނިކުފާނަށް އިއްޒަތުގެ އެ ލަގަބު އަރުވާފައިވަނީ އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވުމާއި އަދި ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އިހްތިރާމާއި އިތުބާރު ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ހާރިޖިއްޔާއަށާއި ދައުލަތަށް ގިނަ އަހަރުތަކަކަށް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަ ކުރައްވާ ކަމަށެވެ.
އެމްޑީޕީން ބުނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޝާހިދަށް ދައުލަތުން އަރުވައި އެންމެ މަތީ އެއް ޝަރަފު ލިބިވަޑައިގަތުމާއި އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން އެ މުހިއްމު ދައުރު ގާބިލުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމީ ޕާޓީއަށް ލިބުނު ނުހަނު ބޮޑު ޝަރަފެއް ކަމަށެވެ. ޝަހީދަކީ އެމްޑީޕީގެ ބައިނަލްއަގުވާމީ ގުޅުންތަކާބެހޭ ކޮމިޓީގެ މުގައްރިރެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ޝާހިދަށް އަރުވާފައި ވަނީ، ރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައި ވަނީ، އޭނާއަށް ދެއްވި މަތިވެރި އިއްޒަތަކީ އޭނާ ފަދަ ނިކަމެއްޗަކަށް ހައްގު އިއްޒަތެއް ނޫން ކަމަށާއި ރައީސް ސޯލިހު އެ އިއްޒަތް އޭނާއަށް ދެއްވީ އެމަނިކުފާނުގެ ހިތްޕުޅުގައިި ގައުމިއްޔަތަށް އޮތް ވަރުގަދަ ލޯތްބެއްގެ ސަބަބުން ކަމަށެވެ. އަދި އެ އިއްޒަތް ބަލައިގަންނަނީ އޭނާއާއެކު މަސައްކަތްކުރެއްވި ބޭފުޅުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރެއްވުމަށްފަހު ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ދިވެހިންނަށް ލިބުނު ފަހުރަކާއި ޝަރަފެއް ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވެފައި ވަނީ، ނިއުޔޯކުގައި ހުންނަ އދ. ގެ މަޖިލީހުގެ ހެޑްކުއާޓަރުގައި ރާއްޖޭގެ ދިދަ ވިހުރެން ފެށިތާ 56 އަހަރު ތެރޭގައި އެ މަޖިލީހުގެ ރިޔާސަތުގައި ދިވެއްސަކު އިނުމަކީ ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުން ދުނިޔޭގެ ގައުމުތަކުން ނުދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހި ސަރުކާރުތަކުން ކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކާއި ރައީސް ސޯލިހުގެ ޒައާމަތުގައި ދުނިޔެއާ ގުޅިލާމެހުމުގެ ރަނގަޅު ނަތީޖާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު